ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހަވީރު 5:00 އާ ހަމައަށް ވޯޓްލެވޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހަމަޖައްސައިފި އެވެ.
އެތަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރާ އެއްގޮތަށް ދެވަނަ ބުރުގެ ވޯޓްލުން ވެސް ފަށާނީ ހެނދުނު 8:00 ގައި ކަމަށެވެ. އެ ދުވަހު ވޯޓްލުމުގެ ފުރުސަތު ދިނީ ހަވީރު 4:00 އާ ހަމައަށެވެ.
ނަމަވެސް މި ފަހަރު ވޯޓްލާ މީހުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން ވަގުތު ވެސް އިތުރުކުރީ ކަމަށް ހަބީބު ވިދާޅުވި އެވެ.
ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އީސީން އިއުލާންކޮށްފައިވާއިރު ވޯޓް ދިނުމުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާ އިރު، ފުރަތަމަ ބުރުގައި ވޯޓްލީ އޭގެ ތެރެއިން 225،486 މީހުންނެވެ. އަދި ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.
ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 އެވެ. އެ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ،