Last Updated: May 17, 17:04
Friday, May 17, 2024
ޚަބަރު

ފްލެޓަށް ވަންނަން ހަރަދު ކުރި ފައިސާ އަނބުރާ ދޭނަން: މުއިއްޒު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އިމާރާތް ކުރި ހިޔާ ފްލެޓަށް ވަންނަން ހަރަދު ކުރި ފައިސާ އަނބުރާ ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އިމާރާތް ކުރި ހިޔާ ފްލެޓު ދޭން ނިންމާފައި އޮތީ އެތަނުގެ ފިނިޝިން ނިންމައި ތަނަށް މީހުންނަށް ވަދެވޭ ގޮތް ހަދައި ދިނުމަށް ފަހު ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެތަން ދިނީ ފިނިޝިން މަސައްކަތް ނުނިންމާ ދިނުމުން އެތަނަށް ބަދަލވީ މީހުން އަތުން ވަރަށް ބޮޑު ހޭދައެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ފައިސާ ވެރިކަމަށް ވަޑައިގެން ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް ލަގްޒަރީކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުދެވިދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމަ އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުގައި އިތުރު ލިފްޓު ބެހެއްޓޭނެ ޖާގަ ހުރުމުން އެމަނިކުފާންގެ ވެރިކަމުގައި ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ބަހައްޓަވާނެކަމަށެވެ.

މުއިއްޒު ވަނީ ހިޔާ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ކުލި 5600 އަށްވުރެ ކުޑަކޮށް ދެއްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ހިޔާ ފްލެޓު ތަކާއި އެހެނިހެން ސޯޝަލް ހައުސިން ތަކުގެ ކުލި ނުދައްކައ ތިބި ފަރާތްތަކުން ދައްކަން ޖެހޭ ހުރިހާ ޖުރިމަނާ މައުފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.