Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

ރައީސް ސޯލިހް، ޤާސިމްއާ ބައްދަލު ކުރައްވަނީ

ރައީސް ސޯލިހު މީގެކުރިން ގާސިމްއާ ބައްދަލުކުރައްވަނީ - ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރަށް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.

ޖޭޕީގެ ލީޑާޝިޕްގެ އިސް ބޭފުޅަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ރައީސް ސޯލިހް އަދި ޤާސިމް އިބްރާހިމް ސަން އައިލެންޑްގައި ބައްދަލުކުރައްވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރޭގެ ވަގުތެއްގައި ޕީއެންސީ ޕީޕީއެމްގެ ވަފުދަކާ ޤާސިމް ވަނީ ސަން އައިލެންޑްގައި ބައްދަލުކުރައްވާފައެވެ. ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީއެންސީ ޕީޕީއެމްގެ އިސް ބޭފުޅުންނާ ޤާސިމް ބައްދަލުކުރެއްވިއިރު، މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އަމަލުކުރާނެގޮތެއް މިއަދު ނިންމާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، މިހާރު ވަނީ އެ ކައުންސިލް ބައްދަލުވުންވެސް ފަސްކޮށްފައެވެ.