އެމްޑީޕިއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވާތީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހެޅި ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
މި ޤާރާރަށް ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގައި 100،000 އަށްވުރެއް ގިނަ ވޯޓު ލިބުމުން އެކަމާ ހައިރާން ނުވާކަމަށެވެ. ޕީޕީއެމްގެ ސަޕޯޓަރުން އެ ކެންޑިޑޭޓަށް ވޯޓުދޭނެކަން އެނގޭކަމަށް ރާއީ ވިދާޅުވިއެވެ.
"އެހެންނަމަވެސް މިއަދު އަޅުގަނޑު މާ އަޖައިބު ވެއްޖެ، އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ މެންބަރުން ފެންނަން ނެތީމަ. އަޅުގަނޑު މާ ސުވާލު އުފެދިއްޖެ، ކޮބައިތޯ އެބޭފުޅުން؟" ރާއީ ވިދާޅުވިއެވެ.
އެމްޑީޕީގެ އާންމު މެންބަރުން ތިބީ ވަރަސް ގަދަކޮށްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ދެވަނަ ބުރުގައިވެސް ވޯޓުލުން ފަށާނީ ސުމަކުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވަނީ 86،161 ވޯޓާއެކު 39.05% އެވެ. އެންމެ ގިނަ ވޯޓު ހޯއްދެވި ޑރ. މުޙައްމަދު މުޢިއްޒު ވަނީ 101،635 ވޯޓާއެކު 46.06% ހޯދާފައެވެ.
އިންތިހާބަށްފަހު މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، ޖަލްސާތަކުގައި ބައިވެރިވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަރަށްވެސް މަދެވެ.