Last Updated: August 15, 10:40
Friday, August 15, 2025
ޚަބަރު

ބޭބެ މަރާލި މަވާޒު 12 އަހަރަށް ޖަލަށް

ހުސައިން މަވާޒް،

މިދިޔަ މެއި މަހު އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުސައިން މަވާޒުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި މަވާޒުގެ މައްޗަށް އުފުލާފައިވަނީ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މަވާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2023 މެއި 31 ވަނަ ދުވަހުގެ ރޭ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ޝުއައިބުއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކު އަނެކަކުގެ ގައިގައި ޖަހާ މާރާމާރި ހިންގާފައިވާކަމަށެވެ. އަދި މި މާރާމާރީގެ ތެރެެއިން މަވާޒުގެ ޖީންސްގެ ޖީބުގައި އޮތް ކަތުރަކުން ޝުއައިބުގެ ކަރުގެ ވާއަތްފަރާތަށް، ކަރުގެ ތިރިން މޭކަށިގަނޑާ ދިމާލަށް، ހަމަލާދީފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝުއައިބު މަރުވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އުފުލި ދައުވާއަށް މަވާޒު ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މަޖިލިސް ބާއްވައިގެންނެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މަވާޒުގެ މައްޗަށް ވަނީ 12 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ކުށުގެ ކައްފާރާގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް މަވާޒުއަށް އަންގާ ވަނީ ހުކުމް ކޮށްފައެވެ.