ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް ޕީއެންސީގެ ޓީމުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ޓީމާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމް ޕީއެންސީގެ ފަރާތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ވިދާޅުވީ މި ބައްދަލުވުމަކީ ދެވަނަ ބުރަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ކުރިއަށްގެންދެވުނު ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ފާރިސް ވިދާޅުވީ މި ބައްދަލުވުމުގައި އިކޮނޮމިކް، ސޯޝަލް އަދި ސިޔާސީ ޕޮލިސީތައް ރިފޯމް ކުރުމާ ގުޅޭގޮތުން ފާރިސްގެ ފަރާތުން ގެންގުޅޭ ކަންކަން ހިއްސާ ކުރެވުނު ކަމަށެވެ. އަދި ޑިމޮކްރަސީ ކުރިއަރުވާ އިންސާފު ގާއިމުކޮށް ހަމަހަމަކަން ގާއިމު ކުރުމަށް މިކަންކަން މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
https://x.com/afarismaumoon/status/1701895216016609531?s=20
ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް 101،635 ވޯޓު ލިބުނުއިރު ލިބިފައިވަނީ 46.06 އިންސައްތައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނީ 39.05 އިންސައްތައެވެ.
ދެވަނަ ބުރަށް އެކުގައި މަސައްކަތް ކުރުމަށް މިހާތަނަށް މުއިއްޒުގެ ޓީމުން ވަނީ އެމްއެންޕީއާއެކު ސޮއި ކޮށްފައެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.