Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

އަޅުގަނޑާއި އާއިލާ މީހެއް ވެސް ގޯއްޗަކަށް ކުރިމަތި ނުލާ

އަކްރަމް ކަމާލުއްދީން - ފޮޓޯ: އާރްޑީސީ

ސަރުކާރުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް އޭނާ އަދި އަނބިދަރިންވެސް އެޕްލައިކޮށްފައި ނުވާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ އަކްރަމް މިހެން ވިދާޅުވެފައި މިވަނީ، އޭނާ ހިމެނޭހެން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަށް ހުޅުމާލެއިން ގޯތި ލިބުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ކުރެހުމަކާއި ގުޅިގެންނެވެ. ސްޓޭޓް މިނިސްޓަރ އަކްރަމް އަކީ ސަރުކާރުން ހިންގާ މި ދެ މަޝްރޫޢުގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ޗެއާރ އެވެ. އަދި ދެ ސްކީމުގެ ލިސްޓު އެކުލަވާލެއްވުމުގައިވެސް ކޮމެޓީގެ ފަރާތުން މަސައްކަތް ވަނީ ކުރައްވާފައެވެ.


މިމައްސަލާގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި ލިބިފައިވާ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި މިއީ ފިތުނަ ފަސާދަ އުފައްދާ ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ފަތުރަމުންދާ ޕްރޮޕެގެންޑާ އެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އަޅުގަޑުގެ ދަރި އަަކުވެސް އަނބަކުވެސް ގޯތި/ފްލެޓް ހޯދުމަށް އެޕްލިކޭޝަންއެއްވެސް ލާފައެއް ނުވާނެ" އަކްރަމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. މިގޮތުން މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ފިރިކަލުން ކިނބިދޫ ދައިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ދެބޭފުޅުންނަށް ވަކިން ހުޅުމާލެއިން ދެ ސަރަހައްދަކުން ގޯތި ލިބިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް މިކަން މީދޫ ދައިރާގެ މެންބަރުވެސް ވަނީ ދޮގު ކުރައްވާފައެވެ.

އެގޮތުން މެންބަރު ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިރިކަލުން ނާޝިޒް އާއި އަދި ދަރިފުޅާއި އެކު 3 މީހުން އެކުގައި ލީ އެޕްލިކޭޝަނަށް ގޯތި ލިބިފައިވަނީ ގުޅީ ފަޅުން ކަމުގައެވެ.


މީގެ ކުރިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ފަލާހުއަށްވެސް ހުޅުމާލެއިން ގޯތި ލިބުނު ކަމަށް ފެތުރިއެވެ. ނަމަވެސް ފަލާހުވެސް ވަނީ އެކަން ދޮގުކުރައްވައި އޭނާ އަށް ގޯތި ލިބުނީ ގުޅީ ފަޅުން ކަން ހާމަކުރެއްވާފައެވެ.