Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ހިތަދޫގެ މަގުތައް ހަދަން ފެށޭނީ 45 ދުވަސް ފަހުން

ފޭދު އާއި ހިތަދޫގެ މަގުތަކެއްގައި ވިއްސާރަވުމުން އާދަޔާހިލާފަށް ފެންބޮޑުވާތީ އެ މައްސަލަ ހައްލު ކުރަން އެމްއާރްޑީސީން މި ދުވަސްކޮޅު މަސައްކަތް ކުރަމުން އަންނާތީ ހިތަދޫގެ ވެލި މަގުތައް މަރާމާތު ކުރަން ފެށޭނީ އެ މަސައްކަތް ނިމުމުން ކަމަށް އެމްއާރްޑީސީ އިން ބުނެފިއެވެ.

ފެން ބޮޑުވާ މަގުތަކުގެ މަސައްކަތް އެމްއާރްޑީސީ އާ ކައުންސިލުން މިދިޔަ މަހު ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ނިންމަން ޖެހެނީ ފަށާތާ 45 ދުވަހުގެ ތެރޭގައެވެ.އެހެންކަމުން ހިތަދޫގެ ވެލި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ހިތަދޫގެ ރައްޔިތުންނަށް މިއީ ވަރަށް ބޮޑު ހިތްދަތި ކަމެއްކަން ޔަގީނެވެ.

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވި ގޮތުގައި އައްޑޫގެ އަވަށްތަކުގެ 50 ވެލި މަގު މަރާމާތުކޮށް ދޭން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.އައްޑޫގެ ވެލި މަގުތައް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި އޭގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ގަބޫލް ކުރެއްވޭ ކަމަށް ވެސް ނަޒީމް ވިދާޅުވިއެވެ.

ހިތަދޫގެ ވެލި މަގުތައް ނެހެދި ލަސްވަމުން ދާތީ ހިތަދޫގެ ޓެކްސީ ޑްރައިވަރުންތަކެއް އިއްޔެ ވަނީ ހިތަދޫގައި ހުންނަ އެމްއާރްޑީސީގެ ސައިޓް ކުރިމަތީގައި އިހުތިޖާޖް ކޮށްފައެވެ.