Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ހީރޯ ނަމްބަރު 1" އަށް ޓައިގާ އާއި ސާރާ

ޑައިރެކްޓަރު ޑޭވިޑް ދަވަން މީގެ 26 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ހީރޯ ނަމްބަރު 1" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ކާސްޓުންނަކީ ޓައިގާ ޝްރޮފާއި ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުގައި މި ވާހަކަ މިހާރު ދެކެވެމުން ދިޔަ ނަމަވެސް ފުރަތަމަ ބައި އުފެއްދި ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ފަރާތުން މިކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އަދި ޑޭވިޑް ވެސް "ހީރޯ ނަމްބަރު 1" ގެ ސީކްއެލްއާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އޭނަ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކީ 1997 ގައި ގެނެސްދިން "ހީރޯ ނަމްބަރު 1" އަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. އަދި އެ ފިލްމުގެ ލަވަތަކުގެ ތެރެއިން ޓައިޓްލް ލަވަ އަކީ މިހާރު ވެސް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވައެކެވެ.

ޑޭވިޑް އެންމެ ފަހުން ޑައިރެކްޓްކުރީ ގޯވިންދާ އާއި ކަރިޝްމާ ކުޅުނު 1995 ގެ "ކޫލީ ނަމްބަރު 1" ގެ ރީބޫޓް ވާޝަނެވެ. ދެހާސް ވިހީގައި ގެނެސްދިން އެ ފިލްމުގެ ލީޑް ކުޅުނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަނާއި ސާރާ އެވެ.

ސާރާ އާއި ޓައިގާއާ އެކީ "ހީރޯ ނަމްބަރު 1" ގެ ސީކްއެލް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، މި ދެ ތަރިން އެކީގައި އަދި މިހާތަނަށް ފިލްމެއް ނުކުޅެ އެވެ. އެކަމަކު ޓައިގާ އާއި ސާރާގެ ޖޯޑު އެކީގައި ސްކްރީނަށް ގެނައުމުގެ ވާހަކަ ދޭތެރެ ދޭތެރެ އިން ތިލަވެ އެވެ.

ސާރާގެ މަންމަ އަމްރިތާ ސިންގް އާއި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް އެކީގައި ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 1993 "އާއިނާ" އެވެ. އަދި ޓައިގާގެ 2016 ގެ ފިލްމު "އަ ފްލައިން ޖަޓް" ގައި އޭނަގެ މަންމަގެ ރޯލު އަމްރިތާ ކުޅެފައިވެ އެވެ.