Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

މެޑަމް ބުނެގެން ފްލެޓު ބެހި މީހަކު ތެދުވެރި ވާނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުޑﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ދެއްވި ލިސްޓަކަށް ނިކަމެތި ރައްޔިތުންގެ ސޯޝަލް ފްލެޓު ބަހާލި މީހަކު ރައްޔިތުންނާ ދޭތެރޭ އަދުލުވެރި އިންސާފުވެރި ވާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް ވިދާޅުވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިހުލާސްތެރިކަމާ ދޭތެރޭ ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ މަގާމުގެ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމު ހަރާބު ކުރަން ފުރުސަތުދީ، އެ މީހާ ބުނި ގޮތަށް އޭނާގެ އަރިސް މީހުންނަށް ނިކަމެތި ރައްޔިތުންނަށް ނުދީ ސޯޝަލް ހައުސިން ޔުނިޓުތައް ބަހާލި މީހަކު ރައްޔިތުންނާ ދޭތެރޭ އަދުލުވެރި އިންސާފުވެރިވާނެ ކަމަށް ގަބޫލް ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

ޕީޕީއެމް ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓު މެޑަމް ފާޠުން ދިން ލިސްޓަށް ބަހާލެވުނީތީ ހިތާމަ ކުރާ ކަމަށް މީގެ ކުރިން މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. ހިޔާ ފްލެޓަށް އެތައް ހާސް ބަޔަކު އެދުނު އިރު ގިނަ ފްލެޓުތައް ދިނީ މެޑަމް ފާޠުން ދިން ލިސްޓަކަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ރައްޔިތުން ހޭދަ ކުރީ އެ ފްލެޓުތަކަށް އެދުމަށް ހައުސިން މިނިސްޓްރީ ތެރޭގަ އެވެ.

އެ ދުވަސްވަރު ބައެއް މީހުން ކައިބޮއި ހެދީ ވެސް އެ ސަރަހައްދުގައި ސަތަރި އަޅައިގެން ތިބެ އެވެ.

މުއިއްޒަކީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ކެންޑިޑޭޓެވެ. އޭނަ އަކީ 8 ކެންޑީޑޭޓުންމާ އެކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގަތް ކެންޑިޑޭޓެވެ.

ދެވަނަ ބުރަށް ކެމްޕޭން ކުރައްވާ އިރު، މުއިއްޒު ގެންދަވަނީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.