މީގެ 23 އަހަރު ކުރިން ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ދަޅުކަން" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާކަން ޑައިރެކްޓަރު ދަރުމޭޝް ދަރުޝަން ޔަގީންކޮށް ދީފި އެވެ.
ސުނިލް ޝެޓީ އާއި ޝިލްޕާ ޝެޓީގެ އިތުރުން އަކްޝޭ ކުމާރު ލީޑް ރޯލު ކުޅުނު އަސަރު ގަދަ ލޯބީގެ ފިލްމުގެ ދެވަނަ ބައެއް ހަދަން ނިންމިކަން ކަށަވަރުކޮށް ދީފައި ވަނީ މީގެ ވާހަކަ ދެކެވޭތާ ދެތިން އަހަރު ފަހުންނެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ދަރުމޭޝް ބުނީ 2000 ވަނަ އަހަރު ރިލީޒްކުރި ފިލްމުގެ ދެވަނަ ބައެއް ހަދަން އޭގެ ޕްރޮޑިުސަރު ރަތަން ޖެއިން ވެސް އެދޭތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އަދި ފަހަކަށް އައިސް ކުރީގެ ބައެއް ފިލްމުތަކުގެ ދެވަނަ ބައި ހަދައ، ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދަމުން އަންނާތީ "ދަޅުކަން" ގެ ވާހަކަ ވެސް އިތުރަށް ދަންމައިލަމުގެ ޝައުގުވެރިކަން މިހާރު ވަރަށް ބޮޑު ކަމަށް ބުންޏެވެ.

"ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ދަޅުކަންގެ ދެވަނަ ބައި ހަދަން ރަތަން އެދިފައިވޭ. މިކަމާ ގުޅޭ ގޮތުން އަހަރެމެން ދެ މީހުން ބައްދަލުކޮށް މިހާރު މަޝްވަރާ ވެސް އެބަކުރަން. އެކަމަކު އަރެން ދަޅުކަން ދެވަނަ ބައި ހަދާނީ ފުރަތަމަ ބަޔަށް ކުރި ކުރި މަސައްކަތް ކޮމްޕްރައިމައިޒް ނުވާ ގޮތަށް." ދަރުމޭޝް ބުންޏެވެ.
އޭނަ ބުނި ގޮތުގައި ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ދެތިން ކޮންސެޕްޓެއް މިހާރު އެބައޮތެވެ. އެހެންވެ ދެން އޮތީ ސްކްރިޕްޓް ނިންމުމެވެ.
"ދެވަނަ ބައިގެ ކާސްޓާ ދޭތެރޭ އަދި އެއްވެސް ވަރަކަށް ނުވިސްނަން. ފަހަރުގައި ހަމަ ތަފާތު ކާސްޓެއް ފެނުމަކީ ވެސް ވެދާނެ ގޮތެއް." ދަރުމޭޝް ބުންޏެވެ.
"ދަޅުކަން" އަކީ ބަތަލާ ޝިލްޕާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ މި ފިލްމެވެ. މީގައި ދައްކުވައި ދިނީ މުއްސަނދި އާއިލާއެއްގެ ހުރި އެންމެ އަންހެން ކުއްޖަކު (އަންޖަލީ) ވަރަށް އާދައިގެ ފަގީރު އާއިލާއެއްގެ ޒުވާނަކާ (ދޭވް) ހިތާވުމުން އެކަމާ އާއިލާ އިން ނުރުހި، އާއިލާ އިން ދައްކާ މީހަކާ (ރާމް) ކައިވެނިކުރުމުން ދިމާވާ ކަންތައްތަކެވެ.
"ދަޅުކަން" ގެ ހާއްސަ ރޯލެއް މަހީމާ ޗައުދަރީ ވެސް ކުޅެފައިވެ އެވެ. މި ފިލްމަކީ އެ ރިލީޒްކުރި ދުވަސްވަރު އޭގެ ލަވަތައް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ.
"ދަޅުކަން" ގެ ޑައިރެކްޓަރަކީ ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ 1996 ގެ "ރާޖާ ހިންދުންސްތާނީ" ވެސް ޑައިރެކްޓަރެވެ. އެއީ އާމިރު ކާނާއި ކަރިޝްމާ ކަޕޫރް ކުޅުނު ފިލްމެކެވެ. ދަރުމޭޝް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ އާއި އަކްޝޭ ކަންނާ އާއި އަމީޝާ ޕަޓޭލް އާއި ޑީނޯ މޯރިއާ އަދި ސުނިލް ޝެޓީ މުހިއްމު ރޯލުތައް ކުޅުނު 2006 ގެ "އާޕް ކީ ހާތިރު" އެވެ.