ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" ގެ ލަވައެއްގެ ޝޫޓިންއަކަށް އިންޑިއާ އިން ބޭރަށް ފުރައިފި އެވެ.
މީޑިއާތަކުން ބުނީ ދެ ތަރިންގެ މި ހާއްސަ ލަވަ ޝޫޓްކުރަން ހަމަޖެހިފައި ވަނީ ސްޕެއިނާއި އިޓަލީގެ ހިތްގައިމު ލޮކޭޝަންތަކެއްގައި ކަމަށެވެ. ލަވައިގެ ޝޫޓިން މާދަމާ ފަށާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ރިތިކާއި ދީޕިކާގެ ކެމިސްޓްރީ އަދި މިހާތަނަށް ފިލްމަކުން ފެނިފައި ނުވާތީ، ރީތި މި ދެ ތަރިން އެކީގައި ބޮޑު ސްކްރީން ދެކިލުމުގެ ޝައުގުވެރުކަން ފޭނުންގެ މެދުގައި ވަރަށް ބޮޑެވެ.
އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާ މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ.
"ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރް، ކަރަން ސިންގް ގްރޯވާ، އަކްޝޭ އޮބެރޯއީ އަދި ސަންޖީދާ ޝެއިހް ހިމެނެ އެވެ.
މި ފިލްމުގެ ފަސްޓްލުކް މިދިޔަ މަހުގެ ތެރޭގައި ދައްކާލާފައިވެ އެވެ.