Last Updated: May 17, 17:04
Friday, May 17, 2024
ޚަބަރު

ރައީސް އަދިވެސް ސަން އައިލެންޑުގައި، މަޝްވަރާ ކުރިއަށް!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ތާއިދު ހޯއްދެވުމަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހު ގާސިމް އާއި އެކު މަޝްވަރާ ކުރައްވާތާ 12 ގަޑިއިރު ވެއްޖެއެވެ.

ރައީސް ސޯލިހު ގާސިމް އާއި މަޝްވަރާއަށް ސަން އައިލެންޑަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. އަދިވެސް ރައީސް ހުންނެވީ ގާސިމް އާއި އެކު ސަން އައިލެންޑުގައެވެ.

ގާސިމްގެ އަރިސް ބޭފުޅަކު މިއަދު "އައްޑޫލައިވް"އަށް ބުނީ ގާސިމް އާއި ރައީސްގެ މަޝްވަރާގެ ބައްދަލުވުންތައް ރޭ ވަރަށް ދަންވަންދެން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ރައީސް މާލެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ގާސިމް އާއި ރައީސް ސޯލިހު މަޝްވަރާގައި ގާސިމް އާއި އެކު ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ގާސިމްގެ އެކުވެރިޔާ އަދި ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އިންމަ) ވަނީ ބައިވެރިވެފައެވެ.

އަދި މިއަދު ހެނދުނު ޖޭޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވަނީ ގާސިމް އަންގަވައިގެން ސަން އައިލެންޑަށް ގޮސްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ފަރާތުންވެސް ޓީމެއް ވަނީ ގާސިމް އާއި ބައްދަލުކޮށްފައެވެ. ޕީޕީއެމްގެ ލީޑަރޝިޕްގެ ޓީމެއް ގާސިމާއި ބައްދަލުކޮށްފައިވަނީ އިންތިހާބުގައި ގާސިމް އާއި ނުގުޅުމަށް ރައީސް ޔާމީން އަންގާފައިވަނިކޮށެވެ.

މިސަރުކާރުގެ ކޯލިޝަންގެ ތެރޭގައި މިހާރުވެސް ހިމެނޭ ޖޭޕީން ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކޮށްފައެވެ. ގާސިމްއަށް މި އިންތިހާބުގައި ލިބިފައިވަނީ އެންމެ 5460 ވޯޓެވެ.