ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ކަންކަން އިންތިޒާމު ވެފައި ހުރި ގޮތުން އެ އޮފީހުގެ ލިއުންތައް ނައްތާ ނުލެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުން މިގޮތަށް ބުނެފައިވަނީ "ދިޔަރެސް" ނޫހުގައި "ސަރުކާރުގެ ބައެއް ވެރިން އޮފީސްތައް ހުސްކުރަން ފަށައިފި" މި ހެޑްލައިންގެ ދަށުން ލިޔެފައިވާ ހަބަރެއްގައި އެ އޮފީހަށް ނިސްބަތްކޮށް ލިޔެފައިވާ ލިއުމުގެ ސަބަބުންނެވެ. ޕީޖީއިން ބުނީ އެ އޮފީހުގައި ހުރި މައްސަލަތަކުގެ ލިއުންތަކަކީ، ޝަރުޢީ ކޯޓާއި އަދި ތަހުޤީޤީ އިދާރާތަކުގައިވެސް ރައްކާކުރެވޭ ލިއުންތަކެއް ކަމަށެވެ. އަދި މި ލިއުންތައް ޕީޖީއިންވެސް ވަކި ހަމައަކުން ބަލަހައްޓާ ރައްކާ ކުރާ ކަމަށް ވަނީ ބުނެފައެވެ.
" މި އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްޗެއް ނޫނެވެ. " ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ އޮފީހުގެ ނިންމުންތައް ދެގޮތަކަށް އާކައިވް ކުރެވޭ ކަމަށް އެ އޮފީހުން ފާހަގަ ކުރެއެވެ. އެގޮތުން ކޮންމެ ނިންމުމަކީވެސް އެ ނިންމުން ނިންމި ސަބަބާއެކު ރައްކާކުރެވޭ ނިންމުންތަކެއް ކަމަށް އެ އޮފީހުން ބުނެއެވެ. އަދި މިނިންމުންތައް ޑިޖިޓަލް އާކައިވް އަދި ފިޒިކަލް އާކައިވް ވަކިން ކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މިފަހަކަށް އައިސް ސަރުކާރުގެ އިދާރާތަކާއި ގުޅޭގޮތުން ސައްޙަ ނޫން މައުލޫމާތު ޝާއިއު ކުރަމުންދާ ކަމަށް އިދާރާތަކުން ވަކަވަކިން ދަނީ ބުނަމުންނެވެ. އަދި ގިނަ ފަހަރު އެއިން އެއްވެސް ލިއުމެއް ޝާއިއު ކުރުމުގެ ކުރިން، އެ އިދާރާއެއްގެ ބަހެއް އެކަމުގި ހޯދުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.