ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މިކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށް ނެރުނު ބަޔާނުގައި ބުނީ، ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭ ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުން ގެންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ފުލުހުން ވަނީ މިފަދަ ލިއުންތައް ހިއްސާ ނުކުުރުމަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ، މިފަދަ ޑޮކިއުމެންޓްތަކުގައި ހިމެނޭ މައުލޫމާތުތަކަކީ ސްކޭމްތައް ހިންގުމަށް ނުވަތަ އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުއްތަކަށް އަރައިގަތުމަށް ބޭނުން ކުރެވޭނެ މައުލޫމާތުތައް ކަމަށެވެ. އަދި އެއްވެސް ފަރާތްތަކާއި މިފަދަ ޒާތީ މައުލޫމާތު ހިމެނޭ ލިއުންތައް ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އެކި ނަންނަމުގައި ހިންގާ ސްކޭމްތައް ވަނީ އިތުރުވެފައެވެ. އަދި ބައެއް ފަހަރު ޒާތީ މައުލޫމާތު ހޯދައިގެން އެހެން މީހެއްގެ ނަމުގައި ސްކޭމްތައް ހިންގާފައި އެބަހުއްޓެވެ. މިގޮތަށް ހިންގޭ ސްކޭމްތަކުން އެތައް ބަޔަކަށް މާލީ ގެއްލުންތައް ކުރިމަތިވެފައިވާއިރު، ކަމާއި ގުޅޭ އިދާރާތަކުން ދަނީ ލިންކުތަކަށް ނުފިތާ އަދި ޒާތީ މައުލޫމާތު އިތުބާރު ނުކުރެވޭ އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އެދިފައެވެ.