Last Updated: July 24, 18:15
Friday, July 24, 2026
މުނިފޫހިފިލުވުން

"ރާމްބޯ" ގެ ބައިވެރިއަކަށް ޖާންވީ

ބޮލީވުޑްގެ ވަރުގަދަ އެކްޝަން ތަރި ޓައިގާ ޝްރޮފާ އެކީ ހަދަން ނިންމާފައިވާ ހޮލީވުޑްގެ ފިލްމު "ރާމްބޯ" ގެ ހިންދީ ރީމޭކްގެ ބަތަލާއަކަށް ޖާންވީ ކަޕޫރް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އަހަރުގެ ޖެނުއަރީގައި "ޕަތާން" ގެނެސްދިނުމަށް ފަހު މިހާރު "ފައިޓާ" ގެ މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ސިދާތު އާނަންދު ހަދަން ނިންމާފައިވާ "ރާމްބޯ" އަށް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާ "ފައިޓާ" ގެ ހުރިހާ މަސައްކަތްތަކަކުން އަތްދޫކޮށްލުމަށް ފަހު، "ރާމްބޯ" ގެ ޝޫޓިން ސިދާތު ފަށާނެ އެވެ.

އެގޮތުން އެއަށް ވަމުން ތައްޔާރީތަކުގެ ތެރެއިން ބަތަލާއަކަށް ޖާންވީ ނަގާފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ. މިއީ ތެދަކަށްވެއްޖެ ނަމަ ޓައިގާ އާއި ޖާންވީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ޓައިގާ ބައްޕަ ޖެކީ ޝްރޮފާއި ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ.

"ރާމްބޯ" ހަދަން ނިންމާފައި ވަނީ ހޮލީވުޑްގެ ތަރި ސިކްވެސްޓާ ސްޓެލޯން "ރާމްބޯ" ގެ ރޯލު ކުޅުނު ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 1982 ގެ "ރާމްބޯ: ފަސްޓް ބްލަޑް ޕާޓް 1" އަށް ބިނާކޮށެވެ.

ޓައިގާއާ އެކީ "ރާމްބޯ" ހަދަން އެންމެ ފުރަތަމަ އިއުލާންކުރީ 2017 ގަ އެވެ. އޭރު ނިންމީ 2018 ގައި ފިލްމު ރިލީޒްކުރާށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި އޭގެ މަސައްކަތް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. "ރާމްބޯ" އަކީ ސިދާތާ އެކީ ޓައިގާ މަސައްކަތްކުރަން އޮތް ފުރަތަމަ ފިލްމު ވެސް މެ އެވެ.

އެކަމަކު ސިދާތު 2019 ގައި ގެނެސްދިން "ވޯ" ގެ މުހިއްމު ރޯލެއް ޓައިގާ ކުޅުނެވެ. އޭގެ ކާސްޓްގައި ރިތިކް ރޯޝަނާއި ވާނީ ކަޕޫރް ވެސް ހިމެނެ އެވެ.