Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު

ބޭނުން ވަނީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް ދަ ޑިމޮކްރަޓްސްއިން ގޮވާލައިފިއެވެ.

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތިން ވަނައަށް ދިޔަ ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ދެވަނަ ބުރުގެ ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ދެކެން" އިލްޔާސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ދެވަނަ ބުރުގައި ވާދަ ކުރާ އެމްޑީޕީ އާއި ޕީޕީއެމް ޕީއެންސީ އާއި އެކު ޑިމޮކްރަޓްސްއިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ނިޒާމީ ވޯޓާއި ގުޅޭ ގޮތުން އިލްޔާސްގެ ރަނިންމޭޓު ހުސެއިން އަމްރު ވިދާޅުވީ އެޕާޓީން މަޝްވަރާ ކުރަމުން އަންނަނީ ހަމައެކަނި ނިޒާމީ ވޯޓާއި ގުޅޭގޮތުން ކަމަށެވެ.

އަމްރު ވިދާޅުވީ ނިޒާމީ ވޯޓަށް އަހަން އެންމެ ރަނގަޅީ 25 ވަނަ ދުވަހުކަމަށެވެ. އަދި ތާވަލް ކުރެވިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30 ވަނަ ދުވަހު ބާއްވައި ރައްޔިތުން ބަރުލަމާނީއަށް ތާއިދުކޮށްފި ނަމަ އިންތިހާބުވާ ރައީސަކީ ބަރުލަމާނީ ފުރަތަމަ ރައީސް ކަމަށެވެ.

ޑިމޮކްރަޓްސްއިން ވަނީ ނިޒާމާއި ބެހޭ ގަރާރެއް މަޖްލިސްއަށް ހުށަހަޅާފައެވެ.