އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" މި އަހަރުގެ ނޮވެމްބަރު 4 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައި، މީގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ވެބް ސީރީޒްތައް ކަމަށްވާ "މަޒުލޫމް" އާއި "ދަރަކަ" އުފެއްދި ކަޒްމިކް އިންޓަނޭޝަނަލްގެ އުފެއްދުމެެކެވެ. އަދި މިއީ އިއްލެ ބެލުންތެރިންނަށް ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމެވެ. ދެހާސް ނަވާރައިގެ "ބަވަތި" ގެނެސްދިން ޑައިރެކްޓަރޔގެ ދެވަނަ ފިލްމަކީ މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި ކްރައިމް ތުރިލާ "ނީނާ" އެވެ.
"ފްރީ ޑެލިވަރީ" ގެ ކާސްޓްގައި ރައުފަތު ސޯދިގާއި އައިޝާ އާއި ވާޝިޔާ މުހައްމަދާއި ޝާރިފު އަހުމަދާއި އިފްނާޒް ފިރާގާއި އޭނަގެ އަންހެނުން ތާތި އަދި އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ) ގެ އިތުރުން ވެސް ތަންކޮޅެއް އާ މޫނުތަކެއް ހިމެނެ އެވެ.
މި ފިލްމަކީ އޮލިމްޕަށް މި އަހަރު އަންނާނެ 8 ވަނަ ފިލްމެވެ. އެތަނުގައި މިހާރު ދައްކަމުން އަންނަނީ މި މަހުގެ 5 ގައި ޕްރީމިއާކުރި ކޮމެޑީ ފިލްމު "ޖޯކަރު" އެެވެ. މި އަހަރު އޮލިލްމަޕަށް ގެނައި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ބީވީމާ"، "ވަނާޖުބޭސާ"، "ލޯބިވެވިއްޖެ" އަދި "ކައުޝި" އެވެ
"ފްރީ ޑެލިވަރީ" ނޮވެމްބަރު 4 ގައި ޕްރީމިއާކުރުމުގެ ކުރިން އަންނަ މަހުގެ ތެރޭގައި ބިރުވެރި ފިލްމު "ކަޅަކި" ވެސް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. މި ފިލްމު ޕްރީމިއާކުރާ ތާރީހު އަންނަ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ އެވެ.