ގައުމުގެ ކުރިއެރުމާއި އުފާވެރިކަން ގުޅިފައި ވަނީ މިނިވަންކަމާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަހުވާމީ، ޑިމޮކްރެސީ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ގައުމު
އިގުތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާ އެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑި އަކީ، ޒަމާނީ ޑިމޮކްރެސީ ކަމަށެވެ.
އެގޮތުން ރާއް ޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ޤުރުބާނީގެ ހިއްސާ ބޮޑު ކަމަށް ވިދާޅުވި އެވެ.
"އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުޞަތުތަކާއި ހަމަހަމަ ޙައްޤުތަކުން،" ރައީސް ވިދާޅުވި އެވެ. "އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެ އުޞޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑު."
ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންތައް ކަމަށެވެ. އަދި ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށް ދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ނަމަވެސް ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާއިރު ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްގުތަކެއްކަން." ރައީސް ވިދާޅުވި އެވެ.