Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

މިނިވަންކަމާއި އިސްތިޤުލާލަށް ވުރެ އިސް މަސްލަހަތެއް ނެތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ފޮނުއްވި ޚިތާބުގައި ވިދާޅުވެފައިވަނީ، ޤައުމީ ދުވަހުގެ ހަނދާންތައް ހިތްތަކަށް ގެނެސްދޭ އެންމެ މަތިވެރި ޒިކުރާއަކީ، ދިވެހި އުންމަތުގެ ހައްޤުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، ކުރެއްވި ހިތްވަރުގަދަ ޤައުމީ ޖިހާދު ކަމަށެވެ.

ޤައުމެއްގެ ނިސްބަތުގައި، އެ ޤައުމަކަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ޤައުމީ ދުވަހެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިއަދާ ހަމައަށް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވާ ކަމަށެވެ. އެއީ، އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި އަޒުމާއި އެ އަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާއި ވި ޤުރުބާނީ ކަމަށެވެ.

"މިއަދުވެސް އަޅުގަނޑުމެން ދިވެހިން މިތިބީ ހަމަ އެ ޢަޒުމާއި އެ ސާބިތުކަމުގައެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަޞްލަޙަތެއް އަޅުގަނޑުމެންގެ ނެތެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައި ކަމަށެވެ. ސިޔާސީ އަދި އިޤްތިސާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވީ، މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމަށެވެ.