Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ހުކުރަށް ދިޔަ ގޮތަށް މީހަކު ގެއްލިގެން ހޯދަނީ

ހުކުރަށްދާން ގެއިން ނުކުތް ފަހުން ގެއްލުނު މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ގުލްފާމްގެ، 50 އަހަރުގެ އިސްމާއީލް މާހިރުއެވެ. އޭނާއަކީ މިހާރު ހުޅުމާލެ ފޭސް2 ގައި ހުންނަ ސްޓޭލްކޯ ޓަވަރުތަކުން ޓަވަރެއްގައި ދިރިއުޅެމުންދާ މީހެކެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ ޚަބަރެއް އާއިލާއަށް ނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 16 ވަނަ ދުވަހު ދަންވަރު 1:08 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އާއިލާއަށް އޭނާގެ ޚަބަރެއް ނުވެފައިވަނީ އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން ކަމަށާއި، އޭރު ލައިގެންހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.