Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ނަޝީދާއި ޔާމީން ބައްދަލު ކުރައްވަނީ

ރައީސް ނަޝީދު އަދި ރައީސް ޔާމީން- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް ބޭނުންވާތީ އެކަން މާދަމާ ހަމަޖައްސައިދެއްވުން އެދި މަޖިލީހުގެ އަމީންއާންމަށް ދަންނަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މާލޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދޮންމަނިކް ރެސްޓޯރަންޓްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ހުއްޓިތިބީ ފަސޭހަ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ޤާނޫނުއަސާސީއާ އެއްގޮތަށް ވޯޓުލަމުންދާއިރު ސަރުކާރު އުފައްދަމުން އަބަދުވެސް ދަނީ ޤާނޫނުއަސާސީގައި އޮތްގޮތަށް ނޫންކަމަށެވެ. ކޯލިޝަން ސަރުކާރުތައް ޤާނޫނުއަސާސީ ނުދަންނަކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ރާއްޖޭގައި ކުރިއަށްދަނީ ކޯލިޝަންތައް ހަދައިގެން ކަމަށެވެ. އަދި އެ ކޯލިޝަންތައް ރޫޅުމުން އަދި އެއާއެއްގޮތަށް އަމަލުނުކުރުމުން ދެންވާންގޮތެއްވެސް އެއްވެސް ތަނެއްގައި ބަޔާންވެފައި ނެތްކަމަށެވެ. އެހެންކަމުން އަބަދުވެސް ކޯލިޝަން ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުންވެސް އުނދަގޫވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަޓުން ދައްކާ ވާހަކަތަކަށް ޕީޕީއެމުން އެއްބަސްވާކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށާއި، އެހެންނަމަވެސް އެއްޗެއްގައި ސޮއިކުރުމަށް އެބޭފުޅުން އިއުތިރާޒު ކުރާކަމަށެވެ. އަދި ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޤަބޫލުކުރުމަކީ މިވަގުތު ގައުމަށް ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވޯޓުގެ ފަރަގު ބޮޑު ކަމަށާއި އަދި "އަނބުރަންޖެހޭ" ވޯޓުގެ އަދަދުވެސް އިތުރު ކަމަށެވެ. އެކަން ރައީސް ސޯލިހް ގަބޫލުކުރައްވާ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ޤާނޫނުއަސާސީއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެންނަން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ރައީސް ޔާމީނާ ބައްދަލުކޮށް މަޝްވަރާ ކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގެ އަމީންއާންމު އަރިހުގައި ދަންނަވައިފައިވާނެ، މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ، އަޅުގަނޑު މާފުއްޓަށް ދިއުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާ، އަދި އަޅުގަނޑުމެނަށް އެހީތެރިވެދެވެން އޮތްނަމަ އެވާހަކައާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ގޮތެއް ނިންމަންދެން އަބަދު މަޑުކޮށްގެން ޑިމޮކްރަޓުންނަށް ނުތިބެވޭނެކަން އެމްޑީޕީއަށް އެނގެންޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީއަށްވެސް ޑެޑްލައިނެއް ދޭންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޕީޕީއެމުން އެދިފައިވާގޮތަށް ޑިމޮކްރަޓުން މާދަމާ ނުވަތަ އަނެއްދުވަހު ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެކަމުގައި ޑިމޮކްރަޓުން ނިންމާގޮތެއް ކައުންސިލުން މަޝްވަރާ ކުރުމަށްފަހު އަންގަވާނެ ކަމަށެވެ.

https://x.com/Simwarr/status/1702968588716617983?s=20

ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ލުމަށް ޑިމޮކްރަޓުން އެދެމުންދާއިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ބެލުމަށް ވޯޓެއް ނެގުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.