Last Updated: May 3, 17:51
Friday, May 3, 2024
ޚަބަރު

ބަރުލަމާނީ ނިޒާމު މާ ނުބައިވާނެ: ގާސިމް

ޖޭޕީގެ ކޮންގްރެސްަގައި ގާސިމާ އެކީ ނަޝީދު.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ދެކޮޅު ހައްދަވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހާމަކުރައްވައިފި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 25 ގައި ނަގަން ދަ ޑިމޮކްރެޓްސް އިން ބާރުއަޅަމުންދާއިރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ނިޒާމީ ވޯޓަކަށް ދިޔުމަކީ ކަމުދާ ކަމެއް ނޫން ކަމަށާއި ރާއްޖެ ބަރުލަމާނީ ނިޒާމަށް ބަދަލުވެއްޖެ ނަމަ މިހާރަަށް ވުރެ މާ ނުބައިވާނެ ކަމަށެވެ.

"މާ ނުބައި ވާނެ، ރައްޔިތުންނަށް މާ ނިކަމެތިވާނެ،" ގާސިމް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ދަތުރުކުރި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޑިމޮކްރެޓްސް އިން ވަނީ ނިޒާމީ ވޯޓަކަށް ދިޔުމަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ދެ ފަރާތުން އެއްބަސްވާ ކަންކަން ލިޔުމެއްގައި ލިޔެ އަދި ސޮއިކޮށްގެން ކުރިއަށްދާން ޕީޕީއެމުން އެއްބަސް ނުވާ ކަމަށާއި އެހާ ހިސާބުން ފެށިގެން ޕީޕީއެމްއާ ދައްކާނެ ވާހަކައެއް ހަގީގަތުގައި ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީން އެކަމަށް އަދި ދެބަސް ނުވާ ކަމަށާއި އެމްޑީޕީގެ އެކި ފަންތީގެ ބޭފުޅުން ޑިމޮކްރެޓުންގެ ބޭފުޅުންނާއި ގުޅައިގެން އެކަމުގެ ވާހަކަ ދައްކަމުންދާ ކަމަށް ޑިމޮކްރެޓްސް އިން ބުނެ އެވެ.

ނިޒާމީ ވޯޓާ ގުޅޭގޮތުން ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވަން ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު މިހާރު ވަނީ ނިންމަވާފަ އެވެ. އެގޮތުން ޔާމީންއާ ބައްދަލުކުރައްވަން މާދަމާ ނަޝީދު މާފުށި ޖަލަށް ވަޑައިގަންނަވާނެ އެވެ.

ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ލުމަށް ޑިމޮކްރަޓުން އެދެމުންދާއިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ބެލުމަށް ވޯޓެއް ނެގުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.