Last Updated: May 17, 20:54
Saturday, May 17, 2025
ޚަބަރު

ޔޫކޭ އަށް ކޮންޖެސްޝަން ޗާޖު ނުދެނީ ޓެކުހަކަށް ވާތީ

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލް ފޮޓޯ: މިހާރު

އިނގިރޭސި ސަރުކާރަށް ކޮންޖެސްޝަން ޗާޖު ނުދައްކަނީ، އެއީ ޓެކުހެއް ކަމަށް ބަލައި 2008 ވަނަ އަހަރުން ފަށައިގެން ދަމަހައްޓަމުން އަންނަ ސިޔާސަތަކަށް ވާތީ ކަމަށް އިންގިރޭސިވިލޭތުގައި ހުންނަ ދިވެހިން އެމްބަސީން ބުނެފިއެވެ.

މިއަދު މީޑިއާއަކުން ވަނީ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް 200،000 އަށް ވުރެ ގިނަ ޕައުންޑު ދަރާ ހުރި ކަމަށް ރިޕޯޓްކޮށްފައެވެ. އެއީ ކޮންޖެސްޝަން ފީއެވެ. އެގޮތުން ދިވެހި ސަރުކާރުން 201،250 ޕައުންޑް ނުވަތަ 3.8 މިލިއަނަށްވާ ރުފިޔާ ނުދައްކާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މިމައްސަލާގައި އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ބަޔާނުގައި މި ފައިސާ އަކީ ޓެކުހެއް ކަމަށް ބަލާ ނުދެއްކުމަށް ނިންމާފައިވަނީ 2008 ވަނަ އަހަރު ވެރިކަން ބަދަލުވީއްސުރެން ކަމުގައި ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން، އައި އެއްވެސް ސަރުކާރެއްގައި މިފައިސާ ދެއްކުމުގެ ސިޔާސަތެއް ނުގެންގުޅުއްވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިގޮތަށް ނިންމާފައިވަނީ 1961 ގައި ސޮއިކުރެވުނު ވިއެނާ ކޮންވެންޝަންގެ ދަށުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އިނގިރޭސި ސަރުކާރަށް މިފައިސާ ނުދައްކަނީ ދިވެހި ރާއްޖެ އެކަނި ނޫންކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެމެރިކާ ޗައިނާ، ރަޝިއާ، ޖަރުމަންވިލާތް އަދި އަވަށްޓެރި އިންޑިއާގެ އިތުރުން ސައުދި އަރަބީއްޔާ އާއި ސީޝެލްސް ހިމެނޭހެން 85 ޤައުމަކުން ނުދައްކާ ކަން ވަނީ ބަޔާންކޮށްފައެވެ. މި ބަޔާނުގައި އެ ފައިސާ ނުދައްކާ 85 ޤައުމު ވަނީ ފާހަގަކޮށްދީފައެވެ.

މިފަހަކަށް އައިސް ދައުލަތުގެ ކަންކަން ރައްޔިތުންނަށް އޮޅޭގޮތަށް މީޑިއާތަކުން ރިޕޯޓް ކުރާ ކަމަށް ދައުލަތުގެ އެކި އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ. އަދި މިގޮތަށް ރިޕޯޓް ކުރެވޭ ކަންކަމަށް ބަޔާންތައްވެސް އިދާރާތަކުން ނެރެއެވެ.