އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އިން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މިއީ އެންމެފަހުން ޔުނައިޓެޑް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ. އަދި މިއީ ވޭތުވެދިޔަ 13 މަސް ތެރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ބްރައިޓަން އަށް ލީޑުނަގައިދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު އިނގިރޭސި ފޯވާޑް، ޑެނީ ވެލްބެކް އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ނޯވޭ ފޯވާޑް، ރަސްމުސް ހޮއިލުންޑް ގޯލެއް ޖަހައި އެއްވަރުކޮށްދިނެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ގޯލު ބަލައިނުގަންނަން ނިންމީ ޕެނަލްޓީއޭރިއާ ތެރޭގައި ހުރި ހޮއިލުންޑަށް ބޯޅަ ދިނުމުގެ ތެރޭގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަތުން ބޯޅަ ބޭރުވެފައިވާތީ އެވެ.
ދެ ވަނަ ހާފުގައި ބްރައިޓަން އިން ލީޑު ފުޅާކުރީ ޕަސްކާލް ގްރޮސް އާއި ޖޮއާއޯ ޕެޑްރޯ ޖެހި ގޯލުތަކުންނެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ހަނިބަލް މެޔްބްރީ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ ފަހަތުން އަރައި 3-1 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ލިވަޕޫލުން 2-1 އިން ވުލްވްސް ބަލިކުރިއިރު ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފަ އެވެ.
ލީގު އެއް ވަނައިގައި ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެން އޮތީ ސިޓީ އެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް އާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.