Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

އިންތިހާބު ނިންމާލާނީ މުއިއްޒު ބަލިކޮށްފައި

މި މަހުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބު ނިންމައިލާނީ ގަދަ ހިފުމަކަށް ގޮސް، ޕީއެންސީގެ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު ބަލިކޮށްފައި ކަމަށް އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޓީމްތަކާ އެކީ ރޭ ބޭއްވި ބައްދަލުވުމުގައި އޭނަ ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދާއި ޕާޓީގެ މެމްބަރުން ތިބީ ސާބިތުކަމާ އެކީ ރައީސް ސޯލިހާ އެކީގައި ކަމަށެވެ. އަދި އިންތިހާބުން މޮޅު ވެސް ވާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.

ރައީސް ވެސް ރޭ ވިދާޅުވީ ދެވަނަ ބުރުގައި "ގޯލަކަށް ފަހު ގޯލެއް ޖަހާފައި" އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސްގެ އެ ވާހަކައާ ގުޅުވައި މައުރޫފު ވިދާޅުވީ ފުރަތަމަ ހާފް ނިންމާފައި މިހާރު މި ކުރިމަތިލަނީ ގަދަ ހިފުމަކަށް ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބު ކުރާނީ މި ގަދަ ހިފުމުގައި ޑރ. މުއިއްޒު ބޮޑުތަނުން ބަލިކޮށްފައި. އެއީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން،" އޭނަ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ އެމްޑީޕީ އެކަތިގަނޑަކަށްވެ، އެ ޕާޓީގެ އަސްލު ފަހުލަވާނުން ރައީސް ސޯލިހާ އެލީ ތިބުން ކަމަށެވެ. އެހެންވެ މި ހާލަތުގައި އިލްތިމާސަކީ އެމްޑީޕީގެ އަސްލަށް ރުޖޫއަވެ، ގައުމު ސަލާމަތް ކުރުމަށް ކޯލިޝަނާ ގުޅިގެން ނިކުތުމަށް ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޚާއްސަކޮށް ރައީސް ނަޝީދަށް ވެސް އަދި ރައީސް ނާޝީދާ އެކީގައި ތިބި އެމްޕީންނަށް ވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުންނަށް ސަލާމަތްތެރި މަގަކަށް އޮތީ މި މަގޭ އަވަހަށް ވަޑައިގަންވާށޭ." މައުރޫފް ވިދާޅުވި އެވެ. "އެމްޑީއޭ، އެމްޑީޕީ އަދި އަދާލަތު ޕާޓީ އެކީގައި އިހުނަށް ވުރެ ގަދަކޮށް އަޅުގަނޑުމެން ޖައްސާނަން. ކުރިއަށް މި އޮތް ދުވަސްތަކުގައި މާތްﷲ އިރާދަ ކުރެއްވިއްޔާ ގެއަށް ވަންނާނީ މި އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު."

މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރަށް އެމްޑީޕީ ކޯލިޝަނާ ގުޅެން ޖުމްހޫރީ ޕާޓީ އާއި ދަ ޑިމޮކްރެޓްސް އަށް ވެސް ދައުވަތު ދިނެވެ. ނަމަވެސް ޖޭޕީން އިއްޔެ ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު އިސްކޮށް ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސް އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި މުއިއްޒެވެ. މުއިއްޒަކީ މި މަހުގެ 9 ގައި 8 ކެންޑިޑޭޓުންނާ އެކީ ބޭއްވި ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބިވޑައިގަތް ކެންޑިޑޭޓެވެ. އޭނަ އަށް 101،635 ވޯޓް ލިބިވަޑައިގަތް އިރު، ރައީސަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. ދެ ބޭފުޅުންގެ ވޯޓްގައި 15،474 ވޯޓްގެ ފަހަރު އެބަހުއްޓެވެ.