Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ރީރަޖިސްޓްރީވާން 25،493 މީހުން ހުށަހަޅައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް 25،000 އަށްވުރެއް ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަންގެ ފުރަތަމަ ދުވަހު 9206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅި ކަމަށެވެ. އަދި ދެވަނަ ދުވަހު 16،287 ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ޖުމްލަ 25،493 މީހުނުް ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އޭގެތެރެއިން އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހުން ރީރަޖިސްޓްރީކުރަން ހުށަހެޅިއިރު، ދެވަނަ ދުވަހު 11،082 މީހުން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅިކަން ހަބީބް ފާހަގަކުރެއްވިއެވެ.

އީސީން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ ކަމަށެވެ. އަދި ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ މިއަދުގެ ހަވީރު 4:00 ގެ ކުރިން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.