Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރޭ

އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިލްތިމާސް ކޮށްފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ހިލާފަށް ގިނަ އަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ފޯމު ތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅާ އެފަރާތްތައް ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޕީޕީއެމް ޕީއެންސީން ބުނެފައިވެއެވެ،

ޕީޕީއެމް ޕީއެންސީން ވަނީ ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.

"އަދި އެބޭފުޅަކު ރަޖިސްޓްރީވެފައިވާ ފޮށިތައް އިޢުލާނުކޮށް ޝަކުވާއަށް ހުޅުވާލެވޭ މުއްދަތުގައި، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ރަޖިސްޓްރީވެފައިވަނީ ރަނގަޅު ފޮށީގައިކަން ޔަގީން ކުރުމުގެ ގޮތުން އެކަން ބަލާ ޗެކުކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ނަސޭހަތްތެރިވަމެވެ. މީގެ އިތުރުން ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ފޮށި ހުރިތަން ބަދަލުވެފައިވާކަންވެސް ފާހަގަވާތީ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓު ލައްވާ ފޮށި ހުރި ތަން ޗެކުކުރެއްވުންވެސް އެދެމެވެ." ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިބަޔާނުގައިވަނީ، އައިޑީކާޑު ގަތުމަށް އެކި ބޭފުޅުންނަށް ގުޅުއްވާ ފައިސާ ހުށަހަޅަމުން ގެންދާ ކަމަށްބުނެ އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި އެފަދަ ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ ނަން ބޭނުންކުރިނަމަވެސް އެއްވެސް ފަރާތަކުން އެކަން ޤަބޫލުނުކުރުމަށް ވަނީ އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުނުް ހުށަހަޅާފައިވާ ކަމަށެވެ.