Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ދެ ދުވަސްތެރޭ 25،000 މީހުން ރީރަޖިސްޓްރީވުމުން ސުވާލު އުފެދޭ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން ދެ ދުވަސް ތެރޭގައި 25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ކުރަން ހުށަހެޅުމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެކަމާ މެދު ސުވާލު އުފައްދަވައިފިއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ދުވަސްތެރޭގައި 25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ވުމަށް ހުށަހެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މިކަން ސީރިއަސްކޮށް ސިޔާސީ ޕާޓީތަކުންނާއި އިންޓަނޭޝަނަލް މޮނީޓަރުން އަދި އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެހެން ފަރާތްތަކުން ބަލަންޖެހޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އީސީން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.