ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ޕީޕީއެމްގެ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެވަޑައިގަތް އިރު، އެކަމާ އަޅާ ނުލެއްވި ވަޒީރެއް ކަމަށާއި އެހެންވެ އެއީ އޭނަ އަށް ނޫނެކޭ ބުނަން ޖެހޭ ސަބަބެއް ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރާ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒަކީ ސާހިބު މީހާ ރައްޔިތުންގެ ފައިސާ އަށް އިންތިހާ ދަރަޖަ އަށް ހިޔާނާތްތެރިވެ، އަނިޔާވެރިކަން އިސްކޮށް ހެދި އިރު، އެކަމާ އަޅައިނުލައި ވަޒީރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.
ޞާހިބުމީހާ ރައްޔިތުންގެ ފައިސާ އަށް އިންތިހާ ދަރަޖައަށް ޚިޔާނާތްތެރިވެ، އަނިޔާވެރިކަން އިސްކޮށްހެދިއިރު، އެކަމާ އަޅައިނުލައި ވަޒީރެއްގެ ގޮތުގައި ހުންނެވިކަމީ @MMuizzu އަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު އެއް ސަބަބު. މަޤާމެއްނެތްނަމަވެސް ދުނިޔޭގައި ތަނަވަސްކަމާއި އުފަލުގައި…
— Dr.Mohamed Iyaz (@dr_iyaz) September 17, 2023
"[އެހެންވެ އެއީ] މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު އެއް ސަބަބު،" އޭނަ ވިދާޅުވި އެވެ. "މަގާމެއް ނެތް ނަމަވެސް ދުނިޔޭގައި ތަނަވަސްކަމާއި އުފަލުގައި އުޅެވޭނެ ގޮތް ﷲ ވަނީ ތަނަވަސްކޮށް ދެއްވާފައި."
ޔާމީންގެ ވެރިކަމުގައި ހިންގެވި ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ މައްސަލަތަކެއްގައި މިހާރު ވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ޔާމީނަށް މި އަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތީ ވެސް އެ ހުކުމާ ހެދި އެވެ.
މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.