ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވަގަށް ނަގަން ސަރުކާރުން އުޅޭކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ކުމުންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު މާހައުލު ވަރަށް ބޮޑަށް ނުރައްކާ ވެފައިވާކަމަށެވެ. އެގޮތުން މި ރިޔާސީ އިންތިހާބު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރަމުން ގެންދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން ރަށްރަށުގައި ތިބި ސަޕޯޓަރުން އަދި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން އެކަންކަމަށް ވަރަށް ރަނގަޅަށް ފާރަވެރިވާންޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ދެ ދުވަހުގެ ތެރޭގައި 25،000 ރަޖިސްޓްރީ ކޮށްފައި މިއޮތީ، މިއީ ގަސްތުގައި އޮޅުވާލައިގެން ނުބައި ނަންނަމުގައި ފޯމުވައްދައިގެން ކުރަމުން ގެންދާ ވަރަށް ބޮޑު ވައްކަމެއް. މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައިވެސް އެބައޮތް." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރަށްރަށުގައި އުޅުއްވާ ރައްޔިތުން އެމީހުން ވޯޓުލަމަށް ކަނޑައެޅިފައިވާ ފޮއްޓެއް ޔަގީން ކުރުމަށް ޗެކް ކުރަންޖެހޭ ކަމަށެވެ. އެހެންނޫންނަމަ މިސަރުކާރުން މި އިންތިހާބު ބޮޑުތަނުން ވަގަށް ނަގާނެ ކަމަށާއި އެފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރީރަޖިސްޓްރޭޝަނަށް ފޭކް ފޯމުތަކެއް ހުށަހަަޅަނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ އޮފީހުގައި ތިބެގެންކަމަށްވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން ރަށްރަށުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އެ ރަށެއްގެ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާތަން ސާފުކޮށް އެކަންކަން ހިނގާނުހިނގާގޮތް ބަލަންޖެހޭކަމަށް ވިދާޅުވިއެވެ. ޝަކުވާ ހުށަހެޅުމަށް ލިބެނީ 48 ގަޑިއިރުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެ މުއްދަތުގެ ތެރޭ މިކަން ކުރަން ޖެހޭކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.
25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ކުރަން ހުށަހެޅުމުން ޕީޕީއެމް ޕީއެންސީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.