ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ބާރުވެރި ކުރުމަށް ކައުންސިލްތަކަށް ހާއްސަކޮށްގެން މިނިސްޓްރީއެއް ހެދުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ދިފާއު ކުރައްވައިފިއެވެ.
ކައުންސިލްތައް ހިންގުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަން ޑރ. މުއިއްޒު ހާމަކުރެއްވީ، ހދ. ފިނޭގައި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވަނީ ސަރުކާރު ގްރާންޓުން ކައުންސިލްތަކަށް ނުވާ ކަމަށާއި، އިތުރު އެހީތައް ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް ޤާއިމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ކައުންސިލްތަކަށް މިނިސްޓްރީއެއް ހަދަން ބޭނުންކަން ހާމަކުރުމުން މިކަމުގައި ގިނަ ބައެއްގެ ފާޑު ކިއުން ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފައެވެ. އަދި ބައެއް ފަރާތްތަކުން މިކަން މައުމޫން ދައުރުގައި ހިންގި އެޓޯލްސް މިނިސްޓްރީއާއި ވަނީ އެއްހަމަ ކޮށްފައެވެ.
Many developed and budding democracies have a ministry for decentralisation and decentralised governance. Especially if population is spread over a large sparse area.
Proposing to have a ministry dedicated to cater for strengthening the functioning of the system is from my…
— Dr Mohamed Muizzu (@MMuizzu) September 17, 2023
މިމައްސަލާގައި މިއަދު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ފުރަތަމަ ބުރުގައިވެސް ހިމެނިފައި އޮތް ކަމަށް ކަމަށެވެ. ނަމަވެސް އޭރު އެކަން އެވަރަށް ބޮޑަށް ސަމާލުކަން ނުލިބުނީ ކަމަށް ވިދާޅުވިއެވެ.
" މިނިސްޓްރީއެއް ހަދަން ހުށަހެޅީ ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމަށް އަޅުގަނޑު ވެފައިވާ ވަޢުދު ފުއްދުމަށް. މިނިސްޓްރީގެ ބޭނުމަކީ ކައުންސިލްތަކާއި ސަރުކާރާއި ގުޅުވައިދީ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރެވޭ ކަން ޔަޤީން ކުރުން. އަދި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ޤައުމަކަށް މިއީ ކުރުން ލާޒިމް ކަމެއް " މުއިއްޒު ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒު ވަނީ މިއީ ކުރިއަރަމުން އަންނަ އަދި ތަރައްޤީވެފައިވާ ޑިމޮކްރެސީތަކުގައި ހާއްސަކޮށް ރާއްޖެހެން ފެތުރިފައި އޮތް އާބާދީއެއް އޮތް ޤައުމުތަކުގައި ކުރެވޭ ކަމެއް ކަމަށް ބުނެފައެވެ.
ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ޤާއިމް ކުރަން ޑރ. މުއިއްޒު ހުށަހަޅުއްވާފައިވާއިރު، މީގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކުން ބާރުތައް ނަގައި ޑރ. މުއިއްޒު ހަވާލުވެ ހުންނެވި ވުޒާރާ ހައުސިންގް މިނިސްޓްރީގެ ދަށަށް ބާރުތައް ބަދަލު ކުރިއެވެ. އަދި ހައުސިންގް މިނިސްޓްރީގެ އޮފީސްތައް އަވަށްތަކުގައި އޭރު ހުޅުވިއެވެ.