ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށް ގިނަ ރައްޔިތުން ރީ-ރަޖިސްޓްރީ ކުރުމަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
ރީރަޖިސްތްރީ ކުރި ފަރާތްތަކުގެ އަދަދު 25،000 އަށްވުރެއް މަތީގައި އުޅޭއިރު ޕީޕީއެމް ޕީއެންސީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާގުޅިގެން އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްޤުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެއީ ހިތްވަރުދީ އެ ހައްޤުގެ ބޭނުން ހިފާތި އުފާކުރަންވީ ވަރުގެ ކަމެއް." އަނަސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.
25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ކުރަން ހުށަހެޅުމުން ޕީޕީއެމް ޕީއެންސީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމުގައި މިއަދު އީސީއަށް ދިއުމަށްވެސް ވަނީ ނިންމާފައެވެ.