ޕީޕީއެމް ޕީއެންސީން ކަންބޮޑުވަނީ ގިނަބަޔަކަށް ނޭނގި އެކި ތަންތަނަށް އެމީހުން ރީ-ރަޖިސްޓާ ކުރަމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރަން 25،000 އަށްވުރެއް ގިނަ މީހުން ހުށަހަޅާފައި އޮތުމުން ޕީޕީއެމް ޕީއެންސީން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ޕީޕީއެމް ޕީއެންސީގެ ކަންބޮޑުވުންތަކަށް ރައްދުދީ އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރް ވިދާޅުވީ ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްޤުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހިތްވަރުދީ އެ ހައްޤުގެ ބޭނުން ހިފާތި އުފާކުރަންވީ ވަރުގެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިވާހަކަތަކާ ގުޅިގެން ކުރީގެ މެންބަރު މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއިން ކަންބޮޑުވަނީ ގިނަބަޔަކު ރީރަޖިސްޓާ ކުރާތީ ނޫންކަމަށެވެ. ކަންބޮޑުވަނީ ގިނަބަޔަކަށް ނޭނގި އެކި ތަންތަނަށް ރީރަޖިސްޓާ ކުރަމުންދާތީ ކަމަށެވެ.
"މިކަމަކީ އިންތިޚާބު ވަގަށް ނަގަން ސަރުކާރުން ރާވައިގެން ހިންގަމުންދާ ފިނޑި އަމަލެއް." މުއާޒް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.
25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ކުރަން ހުށަހެޅުމުން ޕީޕީއެމް ޕީއެންސީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމުގައި މިއަދު އީސީއަށް ދިއުމަށްވެސް ވަނީ ނިންމާފައެވެ.