Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ނަޝީދާ ބައްދަލު ކުރަން ޔާމީން ދެކޮޅު ހަދައިފި

ރައީސް ނަޝީދު އަދި ރައީސް ޔާމީން- ފޮޓޯ: ރައީސް އޮފީސް

ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން ބައްދަލު ކުރައްވަން ބޭނުންފުޅި ނުވި ކަން ކަރެކްޝަނަލް ސާވިސެސް އިން ހާމަކޮށްފިއެވެ.

ރައީސް ނަޝީދު، އިދިކޮޅު ލީޑަރު ރައީސް ޔާމީން އާއި ބައްދަލު ކުރުމަށް ނިންމަވާ އެކަމަށް އެދިވަޑައިގަންނަވާނެ ކަން ހާމަ ކުރެއްވީ އީއްޔެއެވެ. ރައީސް ނަޝީދު އިސް އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ދަނީ މިމަހުގެ 25 ގައި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. އެގޮތުން ދެވަނަ ބުރުގެ ކުރީން މި ވޯޓު ނެގުމަށް އެ ޕާޓީގެ އެކި މެންބަރުން ދަނީ ވަކާލާތު ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް އޮފިޝަލެއް ވަނީ ރައީސް ނަޝީދު ރައީސް ޔާމީންއާއި ބައްދަލު ކުރަން ބޭނުންފުޅުވެގެން އެދިވަޑައިގެންފައިވާ ކަން މީޑިއާތަކަށް ޔަޤީންކޮށްދެއްވާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ބައްދަލު ކުރައްވަން ބޭނުން ފުޅު ނުވާކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިހާރު މަޖިލީހަށް އެ ޖަވާބު ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީން މިގޮތަށް ނިންމިއިރު އީއްޔެ ބޭއްވި ބައްދަލުވުމެއްގައި، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ގޮތެއް ނިންމަންދެން އަބަދު މަޑުކޮށްގެން ޑިމޮކްރަޓުންނަށް ނުތިބެވޭނެކަން އެމްޑީޕީއަށް އެނގެންޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީއަށްވެސް ޑެޑްލައިނެއް ދޭންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޕީޕީއެމުން އެދިފައިވާގޮތަށް ޑިމޮކްރަޓުން މާދަމާ ނުވަތަ އަނެއްދުވަހު ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެކަމުގައި ޑިމޮކްރަޓުން ނިންމާގޮތެއް ކައުންސިލުން މަޝްވަރާ ކުރުމަށްފަހު އަންގަވާނެ ކަމަށެވެ.