އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެކު އަތޮޅު ތަކުގެ އިދާރީ ހިންގުން ފަނާވާނެ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ޑރ. މުއިއްޒު އިއުލާން ކުރުމާއި ގުޅިގެންނެވެ. އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ނިޒާރު ވިދާޅުވީ، މާލެގެ މޭޔަރ ކަން ކުރެއްވުމުން، އެއްޗެއް ވިސްނޭނެ ކަމަށް ހީކުރެވުނު ކަމަށެވެ.
" މި ވައުދާއިއެކު އެޓޯލްސް މިނިސްޓްރީ އުފެދޭނެ. ކުރިންވެސް ކަންކުރިހެން ކައުންސިލްތައް ނެތި ކޮށްލާނެ. ބިރުވެރި މެސެޖެއް. " ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވަނީ މިކަމަކީ އަތޮޅުތަކުގެ އިދާރީ ހިންގުން ފަނާވެދާނެ ނިންމުމެއް ކަމަށެވެ.
މުއިއްޒުގެ މިވައުދާއި ގުޅިގެން ބައެއް އެހެން ސިޔާސީ ފަރާތްތަކުގެ ފާޑުކިއުންވެސް މުއިއްޒުއަށް އަމާޒުވިއެވެ. އަދި މިއީ އެޓޯލްސް މިނިސްޓްރީ އުފައްދަން އުޅުން ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. ނަމަވެސް މިކަމުގެ ޖަވާބު ދެއްވަމުން ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ، މިއީ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުން އެދޭކަންކަން ސަރުކާރު މެދުވެރިކޮށް އަވަހަށް ހަމަޖައްސައި ދެވޭނެ ގޮތް ހެދުން ކަމަށެވެ.
" ދުވާލަކު 30 މިނެޓު ކައުންސިލްތަކަށް ނުދެވޭ މިނިސްޓަރެއް ހުރުރުމުގެ ބަދަލުގައި، ފުލްޓައިމް މިނިސްޓަރެއް ކައުންސިލްތަކަށް އެހީތެރިކަން ދޭން ހުރުން " ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ހައުސިންގް މިނިސްޓަރކަންވެސް ކުރައްވާފައި ޑރ. މުއިއްޒުގެ މި ވައުދާއެކު ބައެއް ފަރާތްތަކުން ވަނީ އޭރު ޕީޕީއެމް ސަރުކާރުން ގެންގުޅުނު މަރުކަޒީ ވިސްނުން އިޔާދަ ކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އޭރު ކައުންސިލުތަކުން ބާރު ނަގައި ހައުސިންގް މިނިސްޓްރީގެ އޮފީސްތަކެއް ޤާއިމް ކުރެވުނެވެ.