Last Updated: June 13, 10:19
Saturday, June 13, 2026
ޚަބަރު

ޖޭޕީގެ މެމްބަރުން މުއިއްޒަށް ވޯޓް ދީ: ޝަހީމު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓް ދޭން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އެދިވަޑައިގެންފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ޖޭޕީގެ އާންމު މެމްބަރުން މުއިއްޒަށް ތާއީދުކޮށް ދިނުމަށް ވަރަށް އަބަދުވެރިކަމާއި އިހުތިރާމާ އެކީ އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މި ގައުމު ތަރައްގީކޮށް، ބިނާކުރެވޭނެ." ޝަހީމު ވިދާޅުވި އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ޖޭޕީގެ ބައިވެރިވުން ހޯދަން އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ޖޭޕީއާ އެކީ މަޝްވަރާތަކެއް ވެސް ކުރި އެވެ. އެކަމަކު އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. މި މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދެވަނަ ބުރަށް އިދިކޮޅާ އެކީ ކޯލިޝަން ހެދީ 8 ކެންޑިޑޭޓުން ވާދަކުރެއްވި ފުރަތަމަ ބުރުގައި ވާދަކުރައްވައި އެންމެ މަދުން ވޯޓް ލިބިވަޑައިގަތް އެއް ކެންޑިޑޭޓް ކަމަށްވާ ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީންނެވެ.

ބާވީސް ހާހަށް ވުރެ ގިނަ މެމްބަރުން ތިބި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. ގާސިމް ވަނީ ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ފަހަތަށް ނާރަން ނިންމުމާ ގުޅިގެން، ޕާޓީގެ މެމްބަރުންނަށް ފެންނަ ކެންޑިޑޭޓަށް ވޯޓް ދެއްވަން އެދިވަޑައިގެންފަ އެވެ.