Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ކޯރަމް ހަމަނުވާތީ ޖަލްސާ ނުފެށިފައި

މަޖިލިސް ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ތާވަލުކުރި ވަގުތަށް މަޖިލީހުގެ ކޯރަމް ހަމައެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ތާވަލު ކޮށްފައިވަނީ 09:00 އަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާ ފެށެނީ 22 މެންބަރުން ހާޒިރުވުމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެންބަރު މުހައްމަދު އަސްލަމް ކޯރަމް ހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެމްޑީޕީއަކީ 56 ގޮނޑިއާއެކު މަޖިލީހުގައި ތަމްސީލުވާ މަޖިލީހުގެ ބޮޑު ޕާޓީ. އެބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅަކު ވަޑައިގެން އިންނެވީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ކުރަންހުރި މަސައްކަތްތައް އެބަހުރި ކަމަށާއި ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.