Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ރީރަޖިސްޓްރީ ވާން 47،000 އަށްވުރެއް ގިނަ މީހުން ހުށަހަޅައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް ތިން ދުވަހުގެ ތެރެއިން 47،000 އަށްވުރެއް ގިނަ މީހުން ހުށަހަޅައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީރަޖިސްޓްރީ ކޮށްފައިވަނީ 42،867 މީހުން ކަމަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި 47،000 އަށްވުރެއް ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ ތެރެއިން، 19،000 ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާކަން ހަބީބް ފާހަގަ ކުރެއްވިއެވެ. އަދި 27،000 އަށްވުރެއް ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާކުރާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރީރަޖިސްޓްރީވާން ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާފައިވާއިރު، މީހުންނަށް ނޭންގި އެމީހުން ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާކަން ފާހަގަކޮށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.