އަންނަ އަހަރުން ފެށިގެން އޭލެވެލް އިމްތިހާން އޮކްޓޫބަރާއި ނޮވެމްބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ލޯނުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އޭލެވެލް އިމްތިހާން ބާއްވާނީ، އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރާ ދިމާކޮށް ކަމަށެވެ.
"ސާނަވީ ތައުލީމު ނިންމައި، މަތީ ސާނަވީ ނުވަތަ އޭލެވެލް ކިޔަވާ ކުދިންގެ މައިންބަފައިން އެންމެ ކަންބޮޑުވާ އެއް ކަމަކީ، އޯލެވަލް ޓެސްޓަށް ފަހު، އޭލެވަލް ކިޔަވަން ފެއްޓުމާ ދޭތެރޭ މި އަންނަ ހައެއްކަ މަސް. މި ދުވަސްވަރު އެ ކުދިންގެ ހުސް ވަގުތު ގިނަވެ އަދި އެހެނިހެން ވެސް ދަތިތަކާ ދިމާވާ ކަމަށް ބުނަމުންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ އުސޫލުން ނަމަ އޭލެވެލް އިމްތިހާން ބާއްވަނީ ކޮންމެ އަހަރެެއްގެ ވެސް މޭ/ޖޫންގަ އެވެ. އަދި ނަތީޖާ ލިބެން އާންމުކޮށް ދެ މަސް ދުވަސް ނަގަ އެވެ. އަދި އޮކްޓޫބަރު/ނޮވެމްބަރުގައި އޯލެވެލް އިމްތިހާން ބާއްވާއިރު، އޭލެވެލަށް ދާ ކުދިންގެ ކިޔެވުން ފެށެން ހައެއްކަ މަސް އާންމުކޮށް ނަގަ އެވެ.