Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ދޮގު ވާހަކަތައް ނުފަތުރަން އީސީން އިލްތިމާސްކޮށްފި

ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރީރަޖިސްޓްރޭޝަނަށް އެ ކޮމިޝަނުގެ ފަރާތުން ބޭނުންކުރަމުން ގެންދާ ޕޯޓަލްއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އަށްފަހު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް ހުރިހާ ރައްޔިތުންނާއި، ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުންކުރަމުން އަންނަ ޕޯޓަލްއެއް ކަމަށެވެ. އެ ޕޯޓަލްގެ މަސައްކަތަކީ އައިޓީ ސެކިއުރިޓީ ކޮންސަލްޓަންޓްއެއްގެ ލަފައާއި އިރުޝާދުގެ މަތިން ބަލަހައްޓަމުން ގެންދާ މުހިންމު މަސައްކަތެއް ކަމަށްވެސް އީސީން ބުނެފައިވެއެވެ.

"އަދި ޕޯޓަލްގެ އެކްސެސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް މީހަކަށް ނޯންނާނެކަމުގެ ޔަގީންކަން އަރުވަމެވެ." އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އީސީން ބުނެފައިވަނީ ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ނިމުމުން، ވޯޓުލުމަށް ރީރަޖިސްޓްރީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ކެންޑިޑޭޓުންނާއި، ޕާޓީތަކާ ހިއްސާކޮށް ޝަކުވާއަށް ދެ ދުވަހުގެ ފުރުސަތަށް ހުޅުވާލެވޭނެކަމަށެވެ.

ރީރަޖިސްޓްރޭޝަންގެ މި އޮންލައިން ޕްރޮސެސްއަކީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތެއް ހޯދައިދިނުމަށްޓަކައި ތައާރަފުކޮށް ބޭނުންކުރަމުންގެންދާ ޕޯޓަލެއް ކަމަށް އީސީން ބުނެފައިވެއެވެ. އެހެންނަމަވެސް ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް، ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން ގެންދާތީ އެފަދަ ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާ ދެެމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް މި ކޮމިޝަނުން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލުމުން 47،000 އަށްވުރެއް ގިނަ މީހުން ވަނީ ރީރަޖިސްޓްރީވާން ހުށަހަޅާފައެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފުރުސަތަމަ ބުރުގައި ރީރަޖިސްޓްރީ ކޮށްފައިވަނީ 42،867 މީހުންނެވެ.

ރީރަޖިސްޓްރީވާން ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާފައިވާއިރު، މީހުންނަށް ނޭންގި އެމީހުން ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާކަން ފާހަގަކޮށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.