Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

މަޖިލިސް އަނެއްކާ ވެސް ހުއްޓުވައިފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން އަނެއްކާވެސް މަޖިލިސް ހުއްޓުވާފައިވާކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމަނުވާތީ ޖަލްސާ އަދި ވަނީ ފެށޭގޮތް ނުވެފައެވެ. ކޯރަމް ހަމަނުވާތީ ޖަލްސާ ނުފެށިވާއިރު އެމްޑީޕީގެ މެންބަރުން ތިއްބެވީ މަޖިލީހަށް ހާޒިރުވެ، ތަޅުމަށް ނުވަދެ މަޖިލީހުގެ ކުޑަ ދޮށުގައެވެ.

އެމްޑިޕީގެ މެންބަރުން ޖަލްސާއަށް ވަނުމަށް ދެކޮޅު ހަދަމުންދަނީ ޖަލްސާގެ އެޖެންޑާއާމެދު ހިތްހަމަ ނުޖެހޭތީކަމަށް މައުލޫމާތު ލިބޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެޖެންޑާގެ އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މީގެކުރިން ހުއްޓިފައި އޮތީ ކޮމިޓީތައް އެކުލަވާނުލެވުމާއި، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ކަމަށެވެ.

"މިހާރު މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ މައްސަލަ ނެގިގެން މަޖިލިސް ކުރިއަށްދެވޭގޮތްވުމުން، އަނެއްކާވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މިވަނި މަޖިލިސް ހުއްޓުވާފައި. އަޅުގަނޑު ދަންނަވާނީ އެގޮތަށް އަމަލުކުރެއްވުމުން އެއްވެސް ބޭފުޅަކަށް ލިބޭ ފައިދާއެއް ނެތް ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން ރައްޔިތުންނަށް ލިބޭނެ މޮޅެއް ނެތްކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން އެ މެންބަރުންގެ މަސްއޫލިޔަތު އުފުއްލެވުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.