Last Updated: May 2, 06:02
Thursday, May 2, 2024
ކޮލަމް

ދަގަތްފާނުގެ ބާރު ލިބިގެންވީ ޝަޚުސިއްޔަތު

ކުރީގެ ރައީސް ނަޝީދު އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުގައި ސަޕޯޓަރުންތަކަކާ ސަލާން ކުރައްވަނީ. ފޮޓޯ/ އެމްޑީޕީ

މީގެ ފަސް އަހަރު ކުރި އެވެ. ދިވެހި ރާއްޖޭގެ އުތުރުން ދެކުނަށް އޮތީ ރިޔާސީ އިންތިޚާބުގެ ފޯރި ހިފާފަ އެވެ. ރާއްޖޭގެ އާބާދީ އެންމެ ބޮޑު އައްޑޫ އަކީ ރިޔާސީ ކެންޑިޑޭޓުންގެ "ޖަގަހަ" އެވެ. އާބާދީ ބޮޑު ހިތަދޫ ގައި އޮތީ ރައީސް މައުމޫނާއި ޑރ. ޙަސަން ސަޢީދުގެ އަޢުލަބިއްޔަތެވެ.

ހުޅުދޫ އާއި ފޭދޫ މަރަދޫ އަދި މަރަދޫ ފޭދޫގެ ގިނަ މީހުންގެ ރުހުން އޮތީ ޑރ ޙަސަން ސަޢީދަށެވެ. މީދޫގެ މެޖޯރިޓީ ސަޕޯޓް ކުރަނީ ޤާސިމް އިބްރާހީމަށެވެ.

މުޅި އަތޮޅު ވަނީ އެކި ޢުމުރު ފުރައިގެ ލީޑަރުންގެ ފޮޓޯ ތަކުން ޒީނަތްތެރި ކުރެވިފައެވެ. ބޭނާ ތަކުގެ ކުލަ ރަތެވެ. ނުލާ ރަތްކުލައިގެ ފޮތީން އަތޮޅުގައި ރީނދުލަށް ފުރުޞަތު ނެތޭ ބުނާކަހަލައެވެ. ރިޔާސީ އިންތިޚާބު ކެމްޕޭން ކުރުމުގެ ފޯރި ޕީކަށް ގޮސްފައި ވަނިކޮށް ހުޅުދޫ ބަނދަރު ސަރަޙައްދުގައި ހުރި ރެސްޓޯރެންޓެއްގައި އަޅުގަނޑު އިންދާ ދެ ބޭފުޅަކު ރެސްޓޯރެންޓަށް ވަޑައިގެންނެވިތަން ދުށީމެވެ.

ދެ ބޭފުޅުންގެ ފަހަތްޕުޅުގައި މާގިނަ ބަޔަކު ނެތެވެ. ރެސްޓޯރެންޓްގައި ތިބި މީހުންގެ ނަޒަރު އެދެބޭފުޅުންނަށް އަމާޒު ނުވިޔަސް އަޅުގަނޑު އެދެބޭފުޅުންނާއި ދިމާއަށް ބަލައި ފުންކޮށް ވިސްނާލީމެވެ. އެއްބޭފުޅަކީ މިހާރު ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހީމްދީދީއެވެ.

އަނެއްބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ދެބޭފުޅުން ހިންގަވާފައި ވަޑައިގެން އަޅުގަނޑާ އަރާހަމަވުމުން ސަލާމް ކޮށްލުމަށްފަހު ކޮންދަތުރެއްތޯ އަހާލީ ދެއްވާނެ ޖަވާބު ނޭނގިނެއްނޫނެވެ. އިޙުތިރާމުގެ ގޮތުންނެވެ. ޖަވާބުގައި ޑރ. އިބްރާހިމް ދީދީ ވިދާޅުވީ " އެމް.ޑީ.ޕީ ގެ ކެންޑިޑޭޓް އަންނި އަށް ވޯޓު ހޯދުމަށެވެ." އެދުވަހު އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ މުޙައްމަދު ނަޝީދަށް ދިވެހިން ތާއިދު ކުރޭ ހެއްޔެވެ؟ އަދި ތާއީދު ކުރާނެ ހެއްޔެވެ؟ ނުވަތަ ތާއީދު ކޮށްފާނެ ހެއްޔެވެ؟

މީގެ ފަސް އަހަރު ކުރީން އުފެދުނު ސުވާލުގެ ޖަވާބު ދިމާއަށް މިއޮތީ ފެންނާށެވެ. ދިވެހީން މުޙައްމަދު ނަޝީދަށް ތާއިދު ކުރިއެވެ. އަދި ކުރާނެއެވެ. ނުވަތަ ތާއީދު ކޮށްފާނެއެވެ.

މިއަދު އުފެދޭ ސުވާލަކީ މުޙައްމަދު ނަޝީދަށް ދިވެހީން ތާއީދު ކުރުމުގެ ފަހަތުގައިވަނީ ކޮން ސަބަބުތަކެއްތޯއެވެ. ޖަވާބަކީ އެމަނިކުފާނުގެ ޢިބާރަތުންނަމަ އެއީ "ކޮށްފައި ނުކުރާނެކަމެއް އެކަކަށްވެސް ނޭނގޭ ބޭފުޅަކަށް ވާކަމެވެ." އަޅުގަނޑުގެ ބަހުންނަމަ އޭނާގެ ދަގަތްފާނުގެ ބާރު ލިބިގެންވާ ޝަޚުސިއްޔަތުގެ ނުފޫޒެވެ.

ރައީސް މުޙައްމަދު ނަޝީދު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ހަނި އަޢުލަބިއްޔަތަކުންނެވެ. އެއަޢުލަބިއްޔަތު ހޯއްދެވީ ޑރ ޙަސަން ސަޢީދާއި ޤާސިމް އިބްރާހީމްގެ ފުރިހަމަ ތާއީދާއެކުގައެވެ. މި ތާއީދު ހޯއްދެވުމަށް ރައީސް މުޙައްމަދު ނަޝީދު އެއްވެސް " ސިޔާސީ ޑީލެއް" ނަހައްދަވައެވެ. ޝަރުޠަކާ ނުލާ ސިޔާސީ ލީޑަރުންތަކެއް މުޙައްމަދު ނަޝީދަށް ބައިޢަތު ހިފުމުގެ ފަހަތުގައި ވަނީ އެމަނިކުފާނުގެ ޝަޚުސިއްޔަތުގެ ނުފޫޒެވެ. ވެރިކަން ލިބި ވަޑައިގަތް އިންތިޚާބުގައި އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލި ދޮށީ ޖީލުގެ ބޭފުޅުންނަކީ މިއަދު އެމަނިކުފާނަށްޓަކައި " މަރު" އިޚުތިޔާރު ކުރަންޖެހުނަސް ހޭވައްލާއޭ ބުނާނެ މީހުންނެވެ.

އިޖުތިމާޢީ ރައްކާތެރިކަމުގެ ގޮތުން ދެވޭ ޢިނާޔަތަކީ ރައްޔިތުންގެ މަޖުލީހުން ފާސްކުރި ޤާނޫނަކުން ދެވޭ ޢިނާޔަތެއްކަން ޤަބޫލު ކުރާ މީހަކު ނެތެވެ. އެންމެންވެސް ޤަބޫލު ކުރަނީ އެއީ ރައީސް ނަޝީދުގެ ހަދިޔާއެއް ކަމަށެވެ.
އެއީ ހަމަ އެމަނިކުފާނުގެ އޯގާތެރިކަން ކަމަށް ދިވެހީންގެ ގިނަ ބަޔަކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ޤަބޫލު ކުރީ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހަމަޖެހިގެން ދިއުމުންނެވެ. ސިވިލް ސާވިސް މުައްޒަފުންގެ މުސާރަވެސް ބޮޑު ވެގެންދިޔައީ ހަމަ މި މަގުންނެވެ. ޤާނޫނީ ގޮތުން ސިވިލްސާވިސްގެ މުސާރަ ކަނޑައެޅުމަކީ ސިވިލްސާވިސްކޮމިޝަންގެ ޒިންމާއެކެވެ.

ސިވިލްސާވިސް މުއައްޒަފުންގެ މުސާރަ ބޮޑުވެގެންދިޔައީ ރައީސް ކަމާއި މުޙައްމަދު ނަޝީދު ޙަޥާލުވެ ވަޑައިގަތްތާ ސަތޭކަ ދުވަސް ނުވަނީހެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކޮށް ކޮމިޝަނުން ކުރަންޖެހޭ އިޢުލާނުވެސް ކޮމިޝަންގެ ރައީސާއި އެކޮމިޝަންގެ މެމްބަރުންގެ ޙާޒިރުގައި ރައީސް ނަޝީދު ކުރެއްވީ ރައީސް އޮފީހުގައި ކެބިނެޓްގެވެސް ޙާޒިރުގައެވެ.

ނަތީޖާކީ ޒަމާނުއްސުރެ ރައީސް މައުމޫނަށް ލޯބި ކުރާކަމަށްބުނާ ސިވިލް ސާވިސް މުއައްޒަފުންގެ ލޯބި ރައީސް ނަޝީދާ ދިމާއަށް ބަދަލުވުމެވެ. ކަމުގެ ހަޤީޤީ ސަބަބަކީ ރައީސް ނަޝީދުގެ ޝަޚުސިއްޔަތުގެ ނުފޫޒެވެ. އާނއެކެވެ. އެމަނިކުފާނު ކޮށްފައި ނުކުރާނެ ކަމެއް ހަމައެކަކަށްވެސް ނޭނގޭނެއެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނަށް ތާއިދުކުރި އަށްޑިހަ ދެހާސް ރައްޔިތުންނަށް ރައީސް ނަޝީދު ރައީސްކަމަށް އިންތިޚާބު ވުމުން ފުންއަސަރު ތަކެއްކުރިއެވެ. އެ ޖަޒުބާތީ ހިނދުކޮޅު ރައީސް ނަޝީދުގެ ފަރާތްޕުޅުން ދެއްކެވި ރިވެތި މިސާލަކީ ދުނިޔެ ޙައިރާން ކޮށްލި މިސާލެކެވެ. ކާމިޔާބީގައި ހިތް ތިރި ކުރާވާހަކަ ދިވެހީންނަށް ތަޢާރަފް ކޮށްދެއްވިއެވެ. ރައީސް މައުމޫނުގެ ޙިމާޔަތުގެ ސުރުޙީ އެޅުއްވިއެވެ. ނަތީޖާއަކީ މައުމޫނަށް ވޯޓް ދިން މައިނޯރިޓީ ވެސް ނަޝީދަށް ވޯޓް ދިން މެޖޯރިޓީ އާއި އެއްލަވައެއް ކިޔަން ފެށުމެވެ.

ދެން ފެނިގެން ދިޔަ މަންޒަރަކީ ބޮޑު މަންޒަރެކެވެ. މިނިވަން ކަމުގެ ބަޠަލުގެ ފުރާނަ ނެތް މަސްގަނޑު ނަމަވެސް ދިވެހިރާއްޖެ ގެންނަވައި، ފަސްދާނު ވެޑުވުމެއްނެތި އެހަށިކޮޅު ބޭނުން ކުރައްވައިގެން އެތައް އިރަކަށް ދެމިގެންދިޔަ މައުރަޒެއް ވެރިކަމުގެ އެންމެ މަތިވެރި ކިއްލާގައި ބޭއްވުމެވެ.
ވެހުނު ވާރެއާއި ތެމެމުން މަރުޙޫމް ރައީސް ނާޞިރުގެ މޫނުފުޅު ދެކި ތީމުގޭގައި ހުރި އަގުބޮޑު ތަކެތި ބަލާލުމުގެ ފުރުޞަތު ލިބުނު، އެއްދޮނެއްގައި ދެބުޅިޖެހި ކޮންމެ ދިވެއްސަކު ދިޔައީ ހިތާހިތުން ރައީސް ނަޝީދަށް ތަޢުރީފް ކުރަމުންނެވެ. ކުރިއަށް އޮތް ދައުރުގައި ވޯޓު ދޭނެ މީހަކު ކަށަވަރު ކުރަމުންނެވެ. އާނއެކެވެ. ރައީސް ނަޝީދަކީ ވެހޭތާ ފެންނަންގަވާ ބޭފުޅެކެވެ. އައިނާ ދިމާއަށް ދުއްވަން އެނގޭ ކެޔޮޅެކެވެ. އައިނު ފެނުމުން އައިނަށް އަރާ ދޮށި އަޅަން އެނގޭވެސް ކެޔޮޅެކެވެ.

ޝައްކެއްނެތެވެ. މިއަދު އައްޑޫ އަތޮޅަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހޭލުންތެރި މީހުން ތިބިކަމަށް ގިނަބަޔަކު ބުނާ އަތޮޅެވެ. މުއްސަނދި ކަމާއި ތަމައްދުންގެ މައިމަރުކަޒެވެ. އާނއެކެވެ. މިއީ ތަޢުލީމީ ޒުވާނުން އެންމެ ގިނަ "ސިޓީ" ވެސް މެއެވެ. މިތަނަކީ ރައީސް ނަޝީދަށް ތާއީދު ކުރާ އެންމެ ބޮޑު އާބާދީއެއް އޮތްތަނެވެ.
މިކަމުގެ ހަޤީޤީ ސަބަބަކީ ރައީސް ނަޝީދަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުޝިޔާރު ޝަޚުސިއްޔަތަށްވުމެވެ. އިނގިރޭސިންނަށް އައްޑޫ މީހުން ގުނބޯ ނުހެއްދުނަސް އެމަނިކުފާނުގެ ސިޔާސަތު އައްޑޫގައި ރަނގަޅަށް ތަންފީޒު ވެއްޖެއެވެ. "އަތޮޅު" މިއީ އިނގިރޭސިން "އެޓޯލް" މިބަސް ޑިކްޝަނަރީން ހޯދާގޮތަށް އައްޑޫ މީހުން ރަދީފުން ހޯދާ ބަހަކަށްވެއްޖެއެވެ.

ކިރު ތުނބުން ވީއްލޭ އުމުރު ފުރާއިން ފެށިގެން މުސްކުޅިވެ ހަންޓޯޓޯ ވެފައިވާ މީހުންގެ މެދުގައި ވެސް "ސިޓީ" މިބަސް އާއްމު ވެއްޖެއެވެ. ސިޓީއަކަށް އައްޑޫ ބަދަލު ކުރެއްވީ ދައުލަތުގެ މާލިއްޔަތަށް ރޭކާވެސް ނުލާގޮތަށް، ރައީސް ނަޝީދުގެ އެންމެ ބަސްފުޅަކުންނެވެ. ސިޓީއަކަށް އައްޑޫ ބަދަލުވުމުގެ ފައިދާ ރާއްޖޭގެ އެހެން އަތޮޅު ތަކުގެ ރައްޔިތުންނަށް އެބަލިބެއެވެ. ކޮންމެއަތޮޅެއްގައި އަތޮޅު ކައުންސިލަކާއި ކޮންމެ ރަށެއްގައި ރަށުކައުންސިލެއް ޤާއިމު ކޮށްގެން ގިނަ ބަޔަކަށް ވަޒީފާ ލިބިގެން އަތޮޅަށް ގިނަ އާމްދަނީ ހޯދަމުން އެބަދެއެވެ.
އައްޑޫ ސިޓީގެ ހަ ކައުންސިލަރުންނެކޭ އެއްފަދައިން އައްޑޫ މީހުންނަށް އޮތީ އެންމެން އެއްދުލުން އައްޑޫ ސިޓީއައްޓަކައި ފަޚުރުވެރި ވަމުން " އަޅުގަނޑުގެ ވެސް ހުވަފެނައްވެއޭ" ބުނުމެވެ. އައްޑޫ ސިޓީ އަކަށްވުމުން އެކަމުގެ އުފަލުގައި އަޅުގަނޑުވެސް ބައިވެރިވަމެވެ. އައްޑޫ ސިޓީއަކަށް ހައްދަވައިދެއްވައި "ތަރައްޤީކޮށްދެއްވީތީ" ރައީސް ނަޝީދަށް ޝުކުރުވެރިވާ އެންމެންނެކޭ އެއްފަދައިން ޝުކުރުވެރިވަމުން އައްޑޫ މިފަދަ "ސިޓީ" އަކަށް ވީތީ ލަދުވެތިވާާ މީހުނާއެކު ވެސް އަޅުގަނޑު ވާނަމެވެ.

ޕާކިސްތާނާއި އިންޑިޔާގެ ޚާރިޖީ ގުޅުމަކީ އެންމެން ދަންނަ ސިއްރެކެވެ. އަފްޢާނިސްތާނާއި ޕާކިސްތާނުގައި ހިނގާ ޓެރެރިޒަމްގެ ވާހަކަތަކަކީ ހުރިހާ މީޑިޔާ ތަކާއި އެންމެ ރައްޓެހި ވާހަކަތަކެވެ. އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏަކީ އަމިއްލަ ކުންފުންޏަކަށްވާތީ އެކުންފުނިން ހިންގާ އެއަރޕޯޓަކަށް ޕާކިސްތާނުގެ ބޮޑުވަޒީރާއި އަފްޢާނިސްތާނުގެ ރައީސް ވަޑައިގަންނަވާ މަތިންދާ ބޯޓެއް ޖެއްސުމަކީ ސުވާލު އުފެދޭކަމެކެވެ.

މިއީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުނު ސާކު ސަމިޓް ބޭއްވުމަށް ހުރަހަކަށް ވެދާނެ ކަމެއްކަން ރައީސް ނަޝީދު ދެނެވަޑައިގަތީ އެމަނިކުފާނުގެ ހުޝިޔާރު ކަމުންނެވެ.
ވިސްނުންފުޅުގެ ތޫނު ކަމުންނެވެ. ސާކުގެ އެއްވެސް ޤައުމަކުން ބައިވެރި ނުވާނަމަ ސާކު ސަމިޓް ނުބޭއްވޭނެކަން ޤައުމުގެ ރައީސަށް އެނގެންވެސް ޖެހެއެވެ. އެކަމަށް ޙައްލު ހޯދޭނީ ޚާރިޖީ ސިޔާސަތު ތަކާއި ދާޚިލީ އުކުޅުތައް އެނގިވަޑައިގަންނަވާ ބޭފުޅަކަށެވެ.

ރައީސް މައުމޫނުގެ ޒަޢާމަތުގައި އައްޑޫއަތޮޅު ގަމުގެ ވައިގެ ބަނދަރު ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލު ކުރައްވާފައިވާކަން ރައީސް ނަޝީދަށް އެނގިވަޑައި ގަންނަވާތީ އައްޑޫ ގައި ސާކު ސަމިޓް ބޭއްވިދާނެކަން ޤަބޫލު ކުރެއްވުނެވެ. އެހެންކަމުން ކުރުމުއްދަތެއްގައި ސިފައިން ކުރިބުރަ މަސައްކަތުން އައްޑޫ ގައި މުޅި އޭޝިޔާ ސަރަޙައްދުގައިވެސް އެފަދަ ދެވަނައެއް ނެތް ކޮންވެންޝަން ސެންޓަރެއް ބިނާ ކުރިއެވެ.
އެކަމަށްޓަކައި ދައުލަތުން ބޮޑު ޚަރަދު ތަކެއްވެސް ކުރެވުނެވެ. މިހާތަނަށް އައްޑޫގެ ބިމުގައި އެއްފަހަރާ ކުރެވުނު އެންމެ ބޮޑު ހޭދައެވެ. މަސައްކަތް ކުރަން ޖެހުނު ވަގުތުގެ ކުޑަކަމާއި ލިބުނު މުއްދަތުގެ ކުރުކަމުން މިލިއަނުން ނާޖާއިޒު ފައިދާ ހޯދި ބަޔަކުވެސް ތިބެދާނެއެވެ. އެކަންކަން ބެލުމަށްވުރެ އެންމެނަށްވެސް މުހިންމީ ސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމެވެ.

އެހެންކަމުން ބިތުފަންގި ނަގާކަށް ބަޔަކު ޚިޔާލެއްވެސް ނުކުރެއެވެ. މިޤަރުނު ގައި ދެން ތަކުރާރު ނުވާނެ ރީތި ދުވަސް 11.11.11 ގައި ސާކުގެ 8 ޤައުމުގެ ލީޑަރުން ތިއްބެވީ ދުނިޔޭގެ ދެކުނު ބިތުގައެވެ. މިއީ މިބޭފުޅުން ދުނިޔޭގެ ދެކުނު ފަޅީގައި ތިއްބަވައިގެން ކުރެއްވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.
ސާކުސަމިޓްގެ ނަތީޖާ ފޮންޏެވެ. އައްޑޫގައި އެހެރީ އީ.ސީސީ.އެވެ. ޝާހުޖަހާން އޭނާގެ ލޯބިފުޅުވާ މުމްތާޒު ގެ ހަނދާނުގައި ބިނާކުރެއްވިފަދަ މާދިރީއެއް އައްޑޫ ރައްޔިތުން ދެކެ ލޯބިފުޅުވާ ރައީސް ނަޝީދު އައްޑޫ ރައްޔިތުންގެ ހަނދާނުގައި ބިނާކޮށްދެއްވީއެވެ. އީ.ސީ.ސީ ދެމި ހުރިހާ ހިނދަކު ރައީސް ނަޝީދު ގެ ހަނދާން އައްޑޫއިން ފިލައިގެން ނުދާނެއެވެ. ރައީސް ނަޝީދު ހަމަ ކުޅަދާނައެވެ. މޮޅެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ތޫނެވެ.
މީގެ ފަސް އަހަރު ކުރީން މިފަދަ ކަމެއް އެމަނިކުފާނުގެ ފަރާތުން ފެނިގެން ހިނަގައިދާނެކަން ޤަބޫލު ކުރިބަޔަކު ވަރަށް މަދުވާނެއެވެ. އާނއެކެވެ. އެމަނިކުފާނު ކޮށްފައި ނުކުރާނެކަމެއް އެއްވެސްމީހަކަށް ނޭނގޭނެއެވެ.

ފެބްރުއަރީ 7، 2012 ވަނަ ދުވަހަކީ ތާރީޚީ ދުވަހެކެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވި ބޮޑު މަންޒަރު ދިވެހީން ދުށްދުވަހެވެ. ދިވެހިރައްޔިތުން ދެކެ އެމަނިކުފާނު ވެވަޑައިގަންނަވާ ލޯތްބެއްގެ ސަބަބުން ދިވެހި ޤައުމަށްޓަކައި އެމަނިކުފާނު ވެރިކަމުން ދުރުވެ ވަޑައިގަތެވެ. އެއާއެކު އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލި މީހުން އެއްދުވަހު ނަމަވެސް އެމަނިކުފާނަށް ތަޢުރީފު ގެ ޖިޒީ އަރިސް ކުރިއެވެ.
މީގެ އިތުރަށް އެމަނިކުފާނަށްޓަކައި ޤުރުބާން ވާން ތައްޔާރަށް ތިބި ގިނަ ބަޔަކު އަމިއްލަ އަނބި ދަރީންނާއި ގެދޮރު އަދި ދުނިޔޭގެ ދިރިއުޅުން ދޫކޮށްލިއެވެ. އެމަނިކުފާނުގެ ވެރިކަން ނެތް ޤައުމެއްގައި ދައުލަތުގެ މުދަލެއް އަދި އިމާރާތެއް ހުންނަން ނުޖެހޭނެ ކަމުގެ މަންޒަރު ދައްކަމުން ދިޔައެވެ. އެންމެ އާދައިގެ ވަޒީފާއިން ފެށިގެން ޔުނިވަރސިޓީ ޗާންސެލަރ ކަމުގެ މަޤާމާ ހިސާބުގެ މަތިވެރި ވަޒީފާ ތަކުގައި ތިބި މީހުން ވަޒީފާއިން ވަކިވީ، ވަޒީފާ އަކީ ތިމާ ދިރިއުޅެން ކާންބޯން ކުރާ މަސައްކަތް ކަންވެސް ހަނދާން ނައްތާލާފައެވެ. އާމްދަނީ ހޯދުމަށްވުރެ އެމީހުން އިސްކަމެއް ދިނީ ވަޒީފާއިން އިސްތިއުފާދީ ނަޝީދުގެ ސުއްނަތް އަދާކުރުމަށެވެ. އާނއެކެވެ.
ނަޝީދަށްޓަކައި ބަޔަކު މީހުން ޤުރުބާން އެވަނީ އަދި އެމަނިކުފާނުގެ ޙައްޤުގައި އަގުހުރި އެތައް ދަރީންނެއް" ޝަހީދު ކުރެވުމުންދަނީ" ރައީސް ނަޝީދުގެ ވިދާޅުވުމަކަށް ނޫނެވެ. އެމަނިކުފާނުގެ ޝަޚުސިއްޔަތުގެ ނުފޫޒުގެ ވަރުގަދަ ކަމުންނެވެ.

"މާތްވެގެންވާ އިނގިރޭސި ދައުލަތުގެ" ރާނީ ގެ ބޭފުޅުންނަކީ ރައީސް ނަޝީދުގެ " ކޮމްރޭޑުން " ނެވެ. އިގިރޭސި ބޮޑުވަޒީރު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނުގެ "ބެސްޓް ފްރެންޑަކީ" ވެސް ރައީސް ނަޝީދެވެ. ކެނެޑާ ގެ ވެރީންނަކީ ރައީސް ނަޝީދުގެ "ޕްލޭމޭޓުން" ނެވެ. އިންޑިޔާގެ ވެރީން ގެ އަމަލު ތަކުން ދޭހަވަނީ ރައީސް ނަޝީދަކީ އެބޭފުޅުންގެ ވެސް " ދޯސްތީ" ކަމެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރާއި މިހާރުވެސް އެމަނިކުފާނަކީ ދުނިޔޭގައި އެންމެ އަޑުގަދަ ދިވެހިސިޔާސީ ލީޑަރެވެ.
އެންމެ ބާރުގަދަ ސިޔާސީ ޝަޚުސިއްޔަތެވެ. އެހެންނަމަވެސް އެމަނިކުފާނަކީ ދިވެހި ރާއްޖޭގެ ފުލުހުން ނާއި ސިފައިންގެ އެންމެ މަތި ވެރިޔަކަށް، އެމަނިކުފާނު ވިދާޅުވާ ގޮތަށްނަމަ ކޮމާންޑިންގ އޮފިސަރުގެ ގޮތުގައިހުންނަވައިގެން އަމިއްލަ ބިމުގައި އަމިއްލަ ވެރިކަން ދިފާޢު ނުކުރެވުނު ކޮމާންޑިންގ އޮފިސަރެވެ. މިފަދަ ބޭފުޅަކާ ދިމާއަށް މުޅި ދުނިޔޭގެ ލޯތައް އަމާޒު ވުމުގެ ސަބަބަކީ ކޮބައިތޯއެވެ؟

އާނއެކެވެ. ޖަވާބަކީ އެމަނިކުފާނު ކުރައްވާފައި ނުކުރައްވާނެ ކަމެއް ދައްކަވާފައި ނުދައްކަވާނެ ވާހަކައެއް ދުނިޔޭގެ އެއްވެސް ލީޑަރަކަށް އެނގިވަޑައި ނުގަންނަވާކަމެވެ. ކޯޕަން ހޭގަން ސަމިޓް ގައި ދެއްކެވި މިސާލާއި، އިންޑިޔާ އާއި ޕާކިސްތާނުގައި ދައްކަވާފައިވާ ވާހަކަ ފުޅު ތަކަކީ އެމަނިކުފާނު ވިދާޅުވާ ގޮތަށް "ރައީސަކު ދެއްކުން އެކަށީގެން ނުވާ ވާހަކަ ތަކެއްކަން" ޚުދު އެމަނިކުފާނާއި ދުނިޔޭގެ ލީޑަރުންވެސް ޤަބޫލު ކުރައްވާނެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްތަކަކީ ފޫހިކަމެއް ނެތް ދުވަސްތަކެކެވެ. އިރުއަރަނީ އާދަޔާ ޚިލާފު ކަމަކަށް އުއްމީދު ކުރުވަމުންނެވެ. މިކަމުގައި ކެބިނެޓްގެ އެއްބާރުލުން އެމަނިކުފާނަށް އޮތީ ސައްތައިން ސައްތައަށެވެ. ހުރިހާ ބޭފުޅުން އެއްފަހަރާ އިސްތިއުފާ ދިން ދުވަހު ދުނިޔެއަށް ދެއްކެވީ އޭގެ މިސާލެކެވެ. އެބޭފުޅުން ގެ މޮޓޯ އަކީ " ވިދާޅުވި ގޮތެއް ބަނޑަށް ވިއްޔާ ބަނޑަށް" މި މޮޓޯއެވެ. އެބޭފުޅުން ވަނީ "ކަނޑުވިއްޔާ ކަނޑުވާނެކަން" ދައްކުވައިދީ "ކަނޑުވާވަރަށް" އެބޭފުޅުން ނަޝީދު ދެކެ ލޯބިފުޅު ވާކަން ސާބިތުކޮށްދީފައެވެ.
އެބޭފުޅުންގެ ނަފްސުގެ އަގު ސިނގިރޭޓް އަޅިކެނޑިއެއްގެ އަގަށް ވައްޓަވާލައްވަން ޖެހުނަސް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބެވުމުން ދޭހަވަނީ ނަޝީދުގެ ޝަޚުސިއްޔަތުގެ ނުފޫޒެވެ. އެމަނިކުފާނުގެ ކުޅަދާނަކަމެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދިވެހި އޯޑިއެންސް އާއި އެއްގޮތަށް ބައިނަލްއަޤްވާމީ އޯޑިއެންސްވެސް ހިތްހަމަޖެހުނެވެ. އުފާވެރި މަންޒަރު ތަކެއްބެލިއެވެ.

ރައީސް މައުމޫނުގެ ޒަޢާތުގައި އެމަނިކުފާނުގެ އެންމެ އަރިސް ފުރައުކަސްވަޑުނަ އަކީ އަލްފާޟިލު ޢަބްދުﷲ ޝާހިދެވެ. ވެރިކަމުގެ އެންމެ ނާޒުކު ވަގުތު ޚާރިޖީ ސިޔާސަތުގެ ލަގަން ޝާހިދާއި ޙަޥާލު ކުރެއްވީ އެއަށްވުރެ އިތުބާރު ކުރެވޭ ދެވަނަ މީހަކު ނެތީމައެވެ. އެމަނިކުފާނުގެ ވެރިކަމަށްފަހު ރައްޔިތުންގެ މަޖުލީހުގެ އިއްޒަތްތެރި ރައީސް ކަމުގެ މަޤާމަށް ޝާހިދު އިންތިޚާބު ކުރީ ރައީސް މައުމޫނުގެ ޒަޢާމަތުގައި އޮތް ޕާޓީގެ މެމްބަރުންނެވެ. ދިވެހި ސިޔާސީ މަސްރަޙު ގައި ކަން ހިނގާ ގޮތަށް ބަލާއިރު އެކަމުގައި ރައީސް މައުމޫނުގެ ބަސްފުޅެއްވެސް ނެތި ނުދާނެއެވެ. އެހެން ކަމުން ދުނިޔޭގެ ލޯތަކުގެ ނަޒަރުގައި ރައީސް މައުމޫނާއި ޢަބްދުﷲ ޝާހިދަކީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހެޔޮ އެދިވަޑައިގަންނަވާނެ އިތުބާރު ކުރެވޭ ދެ ރަހުމަތްތެރީންނެވެ. ރައީސް މައުމޫނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ ގެ އާލާސްކަން ފުޅަށް ފަރުވާ ހޯއްދެވުމަށް ރައީސް މައުމޫން ރާއްޖެއިންބޭރަށް ވަޑައިގަންނަވާ ވާހަކަތަކަށް މީޑިޔާއިން އެތައްފަހަރަކު ޖާގަ ލިބިފައިވެއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ފަހަރަކު ޢަބްދުﷲ ޝާހިދު އެމަނިކުފާނާއި ބައްދަލު ކުރައްވައި ސަނހަރޯވެރިވެ ވަޑައިގަތް ހިލަމެއް ނުވެއެވެ. އެހެންނަމަވެސް މީޑިޔާގެ ފާރަވެރިން ދާދި ފަހުން ފަޅާ އަރުވާލި އެއްވާހަކައަކީ ސިޔާސީ ދެހަތުރުންނަށް ވުމުގެ ހުރިހާ ބަހާތަކެއް އެކުލެވިގެންވާ ރައީސް ނަޝީދާއި ޢަބްދުﷲ ޝާހިދު ބައްދަލު ކުރެއްވި ވާހަކައެވެ. ޝާހިދު ވިދާޅުވި ގޮތުން ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކީ ރައީސް ނަޝީދުގެ ބައްޕާފުޅު އާލާސް ކަންފުޅާ އުޅުއްވާތީ އެކަމުގެ ހަމްދަރުދީ ފާޅުކުރެއްވުމެވެ. އެހެންނަމަވެސް ހަމްދަރުދީ ފާޅުކުރުމަށްވުރެ ބޮޑަށް ބައްދަލުވުމުގެ ސަބަބަކީ ނަޝީދުގެ ޝަޚުސިއްޔަތުގެ އަސަރު ޝާހިދަށް ކުރުން ކަމަށްވެސް ވެދާނެއެވެ. ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު އިދިކޮޅު ޕާޓީގެ ލީޑަރ ސިއްރިޔާތުގައި ފައިންޕުޅު ދެކެވަޑައިގަންނަވާ ލީޑަރެކެވެ. މިފައިންޕުޅު ދެކެވަޑައިގަންނަވާ ލީޑަރަކީ ރައީސް ނަޝީދާއި އަޅާ ބަލާއިރު މަހުޖަނެކެވެ.

އެހެންކަމުން ދެބޭފުޅުންގެ ބައްދަލު ވުމުގައި ނާޖާއިޒު ކަމެއް އޮންނާނެކަމަކަށް ނުބެލެވެއެވެ. ދެބޭފުޅުން ބައްދަލު ކުރައްވަން ޖެހޭ މައިގަނޑު ސަބަބަކީ އެހެން ދިވެހިންނެކޭ އެއްފަދައިން އިދިކޮޅު ލީޑަރަށް ރައީސް ނަޝީދުގެ ސިޔާސީ ޝަޚުސިއްޔަތުގެ ނުފޫޒު ފޯރުމެވެ. ޑޮކްޓަރ މުޙައްމަދު މުނައްވަރަކީ ރާއްޖޭގައި ނެތްވަރުގެ ސިޔާސީ ލީޑަރެއްކަމަށް ޤަބޫލު ކުރާ މީހުންވެސް ރާއްޖޭގައި މަދެއްނޫނެވެ. އެހެނީ އެމަނިކުފާނަކީ މިހާހިސާބަށް ރައީސް ނަޝީދާއި ދިމާއަށް އެންމެ "ގަޓް ހުރެގެން" ރައްދު ދެއްވި ލީޑަރެވެ. އުސްތާޛާ ދިޔާނާ ސަޢީދަކީ އަންހެން ކަނބަލުންގެ ތެރެއިން އެންމެ ގަޓް ހުރި ބޭފުޅާއެވެ. ވިދާޅުވާން ބޭނުންފުޅުވި ވާހަކައެއް ވިދާޅުވުމުގެ ކުޅާދާނަކަން އެކަމަނާއަށްވެސް ލިބިވަޑައިގެންފައިވެއެވެ. ފަހަކަށްއައިސް މިދެބޭފުޅުން ރައީސް ނަޝީދުގެ އަރިއަހަށް އިޙުތިރާމުގެ ޒިޔާރަތް ކުރެއްވުމުގެ ސަބަބަކީ ވެސް އަޅުގަނޑު މިދަންނަވާ އެމަނިކުފާނުގެ ސިޔާސީ ޝަޚުސިއްޔަތުގެ ނުފޫޒެވެ. ވިދާޅުވާ ބަސްފުޅު ތަކުގެ ބާރުގަދަ ކަމެވެ. އެބަސްފުޅުތައް ވިދާޅުވާ މުނާސިބު ދަނޑިވަޅުތަކެވެ.

ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ދެންހައްދަވާނީ އައްޑޫ ބޭފުޅެއްކަން އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ. ޕާޓީގެ އިސް ސަފުގައި މިވަގުތު އައްޑޫގެ މޫނު ތަކެއް ފެންނަން ނެތުމުން އައްޑޫގެ ސިޔާސީ ލީޑަރުން ގެ ނަޒަރު އެމަނިކުފާނާއި ދިމާއަށް ހުއްޓޭނެކަމާއި އެމަނިކުފާނުގެ ރަނިން މޭޓަކަށް ރައީސްކަމުގެ ދައުރުން ބައެއް ލިބިދާނެކަން ޤަބޫލު ކުރެވޭނެކަން ޚުދު ރައީސް ނަޝީދަށްވެސް ވިސްނި ވަޑައިގަންނަވާނެއެވެ. އެހެންކަމުން އެމަނިކުފާނުގެ ސިޔާސީ މަޅިފަތީގައި ގިނަ ސިޔާސީ ލީޑަރުން ޖެއްސެވުމުގެ ކުޅަދާނަކަން ރައީސް ނަޝީދުގެ ކިބައިންފެނުނީއެވެ. ކަންމިހެން ހުރި ކަމުގައިވިޔަސް ރައީސް ނަޝީދަކީ ދެދުވަހު ދެގޮތަށް ސިޔާސީ ލީޑަރުން ދެކެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރޭދުވާ ބަދަލުވާ ބީދައިން "ގުންޑާ ހީރޯ އަށް" ބަދަލު ކުރައްވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ނަޒަރުގައި ސިޔާސީ ވަފާތެރީންނަކީ ކަކާގޭ ބޭފުޅުންނާއި އަތިރީގޭ ބޭފުޅުންނެވެ. ދިވެހިރާއްޖޭގައި ދެންތިއްބެވީ ސިޔާސީ ވާދަވެރީންނެވެ. ސިޔާސީ ގާތްކަމުގެ ގޮތުން ބަލާއިރު އެމަނިކުފާނަށް ކޮންމެ ލީޑަރަކީވެސް "މައުމޫނެކެވެ." ނޫނީ "ޔާމީނެކެވެ." އެހެންކަމުން އެމަނިކުފާނުގެ ރަނިންގ މޭޓް ގެ މަޤާމަށް ސިޔާސީ ލީޑަރަކު ނޫން ބޭފުޅަކުވެސް އިޚުތިޔާރު ކުރައްވަފާނެއެވެ. ރައީސް ނަޝީދުގެ ސިޔާސީ ބޮކި ހަރުކުރާ ހޯލްޑަރަކީ އައްޑޫގެ އާދައިގެ ހޯޑަރަކަށްވެސް ހައްދަވާފާނެއެވެ. އެމަނިކުފާނު ކުރައްވާފައި ނުކުރައްވާނެކަމެއް ލަފާ ނުކުރެވޭނެއެވެ.

ރައީސް ނަޝީދުގެ ޝަޚުސިއްޔަތުގެ ވަރުގަދަކަން ދޭހަވާ މިސާލުތައް ބައިވަރެވެ. އެހެނިހެން ސިޔާސީ ލީޑަރުން ދޫކޮށްފައިދާ ސިޔާސީ ބޭފުޅުން އެނބުރި އެލީޑަރެއްގެ ފަހަތަށް އަންނަ ތަނެއް ރާއްޖޭގެ ޑިމޮކްރަސީ ޙަޔާތަކުން ނުފެނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ދޫކޮށްދިޔަ ސިޔާސީ ބޭފުޅުން ނެގިގާގަނޑަށް ބޮލި އެރުމާއެކު އެމަނިކުފާނާއި ގުޅެމުންދެއެވެ. ރައްޔިތުންގެ މަޖުލީހުގެ ކޮމިޓީ ތަކުގެ މެޖޯރިޓީ އާއި މުޅި މަޖުލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގައެވެ. އެދުވަސްވަރު އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ ގާނޫނު އަސާސީ އާއި ޚިލާފަށް އެމަނިކުފާނު މީހުން "ވަގަށް" ނަގައި، ރޯމާ ދުވާލު ޝަރުޢީ ދާއިރާގައި ބޮޑުތަޅުއެޅުވި ވާހަކައެވެ. އެހެންނަމަވެސް އެމަނިކުފާނު ޤާނޫނު އަސާސީ އާއި ޚިލާފުވިކަމަކަށް މަޖުލީހުގެ ކޮމިޓީ އަކަށްވެސް ނިންމިފައިނެތެވެ. އެކަމަކު ވެރިކަމުން ވަކިވެ ވަޑައިގަތްތާ އަހަރު ދުވަސް ނުވަނީސް އެމަނިކުފާނަށް ތާއިދު ކުރާ މަޖުލީސްގެ މެމްބަރުންނަށް އަޢުލަބިއްޔަތު އޮތް ހަމައެކަނި ކޮމިޓީން އެވަނީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޤާނޫނު އަސާސީއާއި ޚިލާފުވިކަމަށް ފާސްކުރައްވާފައެވެ. ވަފާތެރިކަމުގެ ދިރިހުރި މިސާލު ދައްކަމުންނެވެ. ރައީސް ނަޝީދުގެ ދަގަތްފާނުފަދަ ބާރު ލިބިގެންވީ ޝަޚުސިއްޔަތުގެ އަސަރުގަދައެވެ.

ތެދެކެވެ. ރައީސް ނަޝީދުގެ ޝަޚުސިއްޔަތު ވަރުގަދައެވެ. ފޮޓޯފުޅެއް ބޭނުން ނުކުރައްވައި އެމަނިކުފާނުގެ ތަސްވީރު ދިވެހި ރައްޔިތުންގެ ހިތްތަކާއި ޤައުމުގެ އެކިކަންކޮޅުތަކުގައި ހަރުކުރައްވައިފިއެވެ. ކުރުމުއްދަތެއްގައި ގިނަ ބަޔަކުގެ ލޯބި ހޯއްދަވައިފިއެވެ. މިކަމަށްޓަކައި މާގިނަ މަސައްކަތްތަކެއް ކުރެއްވުމެއްނެތިއެވެ. ކުރެއްވިހާވެސް މަސައްކަތްޕުޅަކީ "ފުލެކްސިބަލް" ވެވަޑައިގަތުމެވެ. ރައީސް ނަޝީދަކީ ކުޑަކުދީންނަށް އޯގާތެރި ބައްޕައަކަށް ފުދެއެވެ. މުސްކުޅީންނަށް އެބޭފުޅުންގެ ދަރިއެއްފަދައެވެ. ޒުވާނުންނަށް މިތުރެކެވެ. ކިޔަވާ ކުދީންނަށް ޓީޗަރެކެވެ. ނަމާދަށް ވަޑައިގަންނަވާއިރު އިސްތަށިފުޅުގައި ރުމާ ތުރުކުރައްވައެވެ. ބޮޑު ބެރުޖަހާތަނަކަށް ވަޑައިގެންފިއްޔާ ބެރުގެ ހަމަތަކަށް ނައްޓަވައެވެ. ހިތާމަވެރިކަމެއް މެދުވެރިވާ ކޮންމެ ހިނދުކޮޅަކު އެއީ އެހީތެރިކަމުގެ އެއްއަތެވެ. ނުލަފާ ބަޔަކާ ދިމާވެއްޖެޔާ ނުލަފާކަން ދައްކާލައްވައެވެ. ފުރަމާާނަ ޖާފަތްތަކަށް އިންޞާފު ކުރައްވައެވެ. ރައްފުށުގެ ބަދިގެ ތަކުން ކަޅުސައި ހިއްޕަވައެވެ. މިއީ 2013 ވަނަ އަހަރާއި ކުރިމަތިލައްވާ ސިޔާސީ ލީޑަރުން ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަމެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. 2013 ގައި ރައީސް ނަޝީދުގެ ދައުރަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ޤާނޫނު އަސާސީ އާއި ޚިލާފަށް ކުށްނުކުރާ މީހަކު ހައްޔަރު ކުރުމުގެ ދަޢުވާ ރައީސް ނަޝީދުގެ މައްޗަށް އުފުލިފައިވާތީ ގިނަބަޔަކު މިކަމަށް ޝައުޤުވެރިވެއެވެ. ޤާނޫނު އަސާސީ އާއި ޚިލާފު އަމުރެއްކަން އެނގިތިބެ އެއަމުރަށް ތަބާވި ބަޔަކު ތަބާވީ ރައީސް ނަޝީދުގެ ޝަޚުސިއްޔަތު ގެ ވަރުގަދަ ކަމުންނެވެ. އެބޭފުޅުން ގެ އަމިއްލަ ޖާނު ޤުރުބާން ކޮށްލުމަށްފަހު އެމަނިކުފާނު ސަލާމަތް ކޮށްދޭހާ ހަރުދަނާކަން މިހާރުވެސް ރައީސް ނަޝީދުގެ ޝަޚުސިއްޔަތުގައި އެބަހުއްޓެވެ. ޤައުމީމަޞްލަޙަތު އޮންނާނީ 2008 ވަނަ އަހަރު އެކަންޏެއް ނޫނެވެ. މިއަހަރުވެސް ޤައުމީ މަޞްލަހަތު އޮންނާނެއެވެ. އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުނަމަ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެއެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ރައީސް ނަޝީދަކީ ކުރައްވާފައި ނުކުރައްވާނެ ކަމެއް އެއްވެސް މީހަކަށް ބަޔާން ކުރަން ދަތި ބޭފުޅެއްކަމެވެ. އެމަނިކުފާނަކީ ތާރީޚު ދެކެ ލޯބިފުޅުވާ ބޭފުޅެކެވެ. ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ސިޔާސީ ކޯޅުން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވަނީވެސް ރައީސް ނަޝީދެވެ. އެހެންކަމުން އަލިކިލެގެފާނުގެ ބޭފުޅުންނާއި މުޙައްމަދު އަމީންގެ ބޭފުޅުންނަށް ފުރުޞަތު ދެއްވާފައި ކުރީގެ ރައީސެއްގެ މަޤާމު ހޯއްދެވުމަކީވެސް ދުރުކަމެއް ނޫނެވެ. ސިޔާސީ މީހުން ފަހުގެ ނިންމުން ނިންމާނީ ދަނޑިވަޅު އައުމުންނެވެ. އަޅުގަނޑުމެންނަށް އޮތީ ބޮޑުމަންޒަރަށް އިންތިޒާރު ކުރުމެވެ.