ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސް ޕާޓީން އަމަލުކުރާނެގޮތެއް މިރޭ ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުން ބޭއްވުމަށަ ހަމަޖެހިފައިވަނީ މިރޭ 09:00 ގައެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބުނީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައެވެ. އެގޮތުން އިލްޔާސް ލަބީބަށް ވަނީ 15،839 ވޯޓާއެކު 7.18 އިންސައްތަ ލިބިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޑރ. މުހައްމަދު މުއިއްޒުއެވެ. މިހާތަނަށް ދެވަނަ ބުރަށް ރައީސް ސޯލިހާއެކު އިތުރު ޕާޓީއަކުން ކޯލިޝަން ހަދާފައިނުވާއިރު ޑރ. މުއިއްޒުއާއެކު އެމްއެންޕީން ވަނީ ކޯލިޝަން ހަދާފައެވެ.
އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ.
ސެޕްޓެމްބަރު 30 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާއިރު، ދެވަނަ ބުރުގައި 47،000 އަށްވުރެއް ގިނަ މީހުން ވަނީ ރރަޖިސްޓަރީ ކުރަން ހުށަހަޅާފައެވެ.