Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

މަޖިލީހުގެ ރިޔާސަތަކީ ފިތުނަ އުފައްދާ ބާރަކަށްވެގެން ނުވާނެ

މެމްބަރު ސައުދު ހުސައިން--

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ފިތުނަ އުފައްދާ ބާރަކަށް ހަދައިގެން ނުވާނެ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ގައުމުގައި ފިތުނަ އުފައްދަން ލިބިފައިވާ ބާރަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރަކީ ވަކި ޕާޓީއެއްގެ ޖަގަހައަކަށްވެސް ހަދައިގެން ނުވާނެ ކަމަށެވެ. ސައުދު ވިދާޅުވީ ޖަގަހަ ޖަލްސާ ބާއްވަން ވާނީ ޖަގަހައިގައި ކަމަށާއި އެއީ މަޖިލީހުގެ ޗެމްބަރުގައި ކުރާ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ޒާތީވެ ސަރުކާރަށް ރައްޔިތުންގެ ނަފުރަތު އުފެއްދުމަށް ފިތުނަވެރި ދޮގާއި މަކަރުން ފުރިގެންވާ ގަރާރުތައް ލައިގެން ގައުމުގައި ފިތުނަ އުފައްދަން މަޖިލިސް ޗެމްބަރު ބޭނުން ކުރާ ކަމަށް ތުހުމަތުކޮށް ސައިދުވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިނަމަވެސް ކޯރަމް ހަމަނުވާތީ ޖަލްސާވަނީ ކުރިއަށް ނުގެންދެވިއެވެ. ކޯރަމް ހަމަނުވާތީ ޖަލްސާ ނުފެށިވާއިރު އެމްޑީޕީގެ މެންބަރުން ތިއްބެވީ މަޖިލީހަށް ހާޒިރުވެ، ތަޅުމަށް ނުވަދެ މަޖިލީހުގެ ކުޑަ ދޮށުގައެވެ.

މަޖިލީހުގެ ޖަލްސާއަށް ކޯރަމް ހަމަނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑިޕީގެ މެންބަރުން ޖަލްސާއަށް ވަނުމަށް ދެކޮޅު ހަދަމުންދަނީ ޖަލްސާގެ އެޖެންޑާއާމެދު ހިތްހަމަ ނުޖެހޭތީކަމަށް މައުލޫމާތު ލިބޭކަމަށެވެ. އެހެންނަމަވެސް އެޖެންޑާގެ އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މީގެކުރިން ހުއްޓިފައި އޮތީ ކޮމިޓީތައް އެކުލަވާނުލެވުމާއި، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ކަމަށެވެ.

"މިހާރު މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ މައްސަލަ ނެގިގެން މަޖިލިސް ކުރިއަށްދެވޭގޮތްވުމުން، އަނެއްކާވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މިވަނި މަޖިލިސް ހުއްޓުވާފައި. އަޅުގަނޑު ދަންނަވާނީ އެގޮތަށް އަމަލުކުރެއްވުމުން އެއްވެސް ބޭފުޅަކަށް ލިބޭ ފައިދާއެއް ނެތް ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ އަދިވެސް ފެށޭގޮތްވަނީ ނުވެފައެވެ.