Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

ޖަލްސާ އަށް ނުވަނީ އިދިކޮޅުގެ ކެމްޕޭން ޖަގަހައަކަށް ހަދާފައިވާތީ

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނުވަނީ އިދިކޮޅުގެ ކެމްޕޭން ޖަގަހައަކަށް މަޖިލިސް ބަދަލުކޮށްފައިވާތީ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑިޕީގެ މެންބަރުން މަޖިލީހަށް ހާޒިރުވެ ޖަލްސާއަށް ނުވަދެ، ކުޑަދަށުގައި ތިބުމުން މަޖިލީހުން މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވެފައެއްނުވެއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ އެބޭފުޅުން މަޖިލީހުގެ ތަޅުމަށް ނުވަދެ ތިބީ، އިދިކޮޅު ކެމްޕޭން ޖަގަހައަަކަށް މަޖިލިސް ބަދަލުކޮށްފައިވާތީ ކަމަށެވެ.

"ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ބަހައްޓާފައި، އިދިކޮޅު ގަރާރު ހުށަހަޅައިގެން ކެމްޕޭން ބަހުސް ކުރަނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ މަސައްކަތް ކުރުމަށް ފުުރުސަތު ނުދޭކަމަށެވެ.

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނުއިރު، އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން އޮތީ އެޖަންޑާއާ ގުޅިގެންނެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޖެންޑާގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާ ފެށެނީ 22 މެންބަރުން ހާޒިރުވުމުންނެވެ.