އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރު ނުވެތިބެގެން އާންމު ވޯޓު އިތުރު ނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވޭނެކަން އިއުލާނު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. ކޯރަމް ހަމަކޮށްގެން ޖަލްސާ ބޭއްވޭތޯ ރައީސް ނަޝީދު އެކި ފަހަރުމަތިން މަސައްކަތް ކުރެއްވިނަމަވެސް، އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމަށް ނުވަދެ ތިއްބެވީ މަޖިލިސް ކުޑަދޮށުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރު ނުވެތިބެގެން އާންމު ވޯޓު އިތުރު ނުވާނެ ކަމަށެވެ.
"އަޅުގަނޑު އަތުގައި ތަޖުރިބާ ނެތިދާނެ ސިޔާސީ ޕާޓީއަކަށް ލަފާދިނުމުގެ. އެހެންނަމަވެސް އަޅުގަނޑަށް ދެންނެވޭނީ މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުމުން ލިބިވަޑައިގަންނަވާ އާންމު ވޯޓު އިތުރުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަނީވިއްޔާ އެއީ ކުށް ހީއެކޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ރުހުމާއި، ތާއީދު އަދި ލޯބި ލިބިގެންދާނީ ރައްޔިތުންގެ ވަކާލާތުގައި ބައިވެރިވެވަޑައިގަތުމުން ކަމަށެވެ. ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަން ޖަވާބުދާރީ ކުރުމަށް ޤާނޫނުއަސާސީ ލާޒިމުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފަރާތުންކުރާ ވަކާލާތު ކުުރުން އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވާ ތިއްބަވައިގެން ރައްޔިތުންގެ ތާއީދު އިންތިހާބުތަކުގައި ހޯދުމަށް ދަތިވާނެކަމަށް ފެންނަކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.