ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވުމުން އެކަމަނާ އަށް އިދިކޮޅު ސަޕޯޓަރުން ފުރައްސާރަކޮށް ހުރަސްއެޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކުށްވެރިކޮށްފިއެވެ.
އެޗްއާރްސީއެމުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމަށެވެ.
"ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިޙްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްޤުތަކަށް އިޚްތިރާމްކޮށް ޤާނޫނާއި ޤަަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލަން." އެޗްއާރްސީއެމުން ބުނެފައިވެއެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާ، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެޗްއާރްސީއެމުން ގޮވާލާފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.