ނ. ހޮޅުދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނެފައިވަނީ ނ. ހޮޅުދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 18 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، 10614 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 14 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 375 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 89 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 418 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ދެކުނު ފަރާތުގެ ރިވެޓްމަންޓްގައި ޑިޓޭޗް ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ނ. ހޮޅުދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 43.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.