މިމަހުގެ 27 ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް އައްޑޫ ސިޓީ އިން މާލެ ދިއުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ ދިއުމަށް ނަން ނޯޓު ކޮށްފައެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ އެކްޓިވިސްޓަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އައްޑޫ އިން މާލެއަށް މީހުން ދިޔަ ކަމުގައި ވިޔަސް ރައީސް ޔާމީން ސިހިގެން ދާ ފަދަ ބޮޑު މުޒާހަރާއެއް އައްޑޫ ސިޓީގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.
" މި ސިޓީގައި އޮންނާނެ ރައީސް ޔާމީން ސިހިގެން ދާ ފަދަ ބޮޑު އެއްވުމެއް. މާލެ އަށް ބަޔަކު މިދަނީ ރައީސް ނަޝީދުގެ ގޮވާލުމަށް. އިރާދަކުރެއްވިއްޔާ މި ވެރިކަން ނިންމާލާ ދުވަހަކީ މިމަހުގެ 27. އެހެންވީމާ މާލެ ދާން ބޭނުން އެންމެން އަވަހަށް އެމްޑީޕީ އޮފީސް ތަކަށް ގޮސް ނަން ނޯޓް ކުރަންވީ. " އޭނާ ބުންޏެވެ.
އެމްޑީޕީ އަދި ޖޭޕީގެ މެންބަރުން އައްޑޫ އިން މާލެ ގެންދިއުމަށް ފްލައިމީގެ ޗާޓަރ ފްލައިޓްތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ކަމުގައި ވިޔަސް އެކަން އަދި ކަށަވަރު ވާގޮތް ވަނީ ނުވެފައެވެ.
މިމަހުގެ 19 ވަނަ ދުވަހު ޕީޕީއެމްގެ ފަރާތުން ވެސް މާލޭގައި ބޭއްވި އެއްވުމަކަށް އެ ޕާޓީގެ އައްޑޫ މެންބަރުން ވަނީ މެގަ މޯލްޑިވްސްގެ ޗާޓަރ ފްލައިޓެއްގައި މާލެ ގޮސްފައެވެ.